ނަސްވާ ހަސަން
17 June 2019
މަޤްބޫލު ޙަބަރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަަސް މެންބަރަކާއި ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ސިޓީއަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ޖޭއެސްސީގެ ފަސް މެންބަރަކާއި ބެހޭ މައްސަލައެއް ފަނޑިޔާރު ދީދީ ރޭ ވަނީ ސިޓީއަކުން ހުށަހަޅާފައި ކަމަށާއި އެއީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް އެ މައްސަލަ ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް ހުށަހެޅީ، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރު ކުރުމަށް އެއަމުރު ގަބޫލު ނުކުރާނެ ކަން އިއުލާން ކުރުމަށް ޖޭއެސްސީގައި ވޯޓް ދެއްވި ފަސް ބޭފުޅުންގެ މައްސަލައެވެ.

އެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުން މަޖިލީހު މެންބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އާއި ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ޑރ.އަލީ ޝަމީމް އެވެ.

އެ މައްސަލާގައި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނަމަވެސް، އެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ފަނޑިޔާރު ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށާއި ފަނޑިޔާރު ދީދީއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފަ އެވެ.

ނަމަވެސް ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©