މުޙައްމަދު އިބްރާހިމް
21 June 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. އަދި ހދ. އަތޮޅުގައި ޤާއިމުކޮށްފައިވާ ސްޕީޑް ފެރީގެ ޙިދްމަތް ހައ. ހޯރަފުއްޓަށް ފުޅާކޮށްފި އެވެ.

އެ ހިދުމަތް އިފްތިތާހް ކޮށްދެއްވާފައިވަނީ ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

އެމްޓީސީސީން ދަނީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ހއ. އަތޮޅުގެ ދެ ރަށަކަށާއި ހދ. އަތޮޅުގެ ތިން ރަށަކާ ދެމެދު ފެރީގެ ދަތުރުތައް ކުރަމުން ނެވެ. އެއީ ހއ. އިހަވަންދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުއްޓަށެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނީގެ ފެރީގެ ހިދުމަތް ހޯރަފުއްޓަށް ފުޅާކުރުމުން ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ހއ. އަދި ހދ. ގެ ހަ ރަށަށް ސްޕީޑް ފެރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

އަދި ހޯރަފުށި – ކުޅުދުއްފުށީގެ ޓިކެޓް އަގު ވަނީ 250 ރުފިޔާއަށް ހަމަޖައްސައި، އެ ރޫޓުގެ ދެކޮޅު ޓިކެޓްގެ އަގު 400 ރުފިޔާއަށް ހަމަޖައްސައިފަ އެވެ.

އެމްޓީސީސީގެ ފަރާތުން ހޯރަފުއްޓަށް ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށިއިރު، މީގެ ކުރިން ހޯރަފުށީގެ ރައްޔިތުން އެ ރަށްތަކަށް ދަތުރު ކުރަމުން ދިޔައީ އަގު ބޮޑުކޮށް ލޯންޗެއް ހިފައިގެން ނެވެ.

މި ހިދުމަތް ވެގެންދާނީ ކުޅުދުއްފުއްޓަށް ބޭސްފަރުވާ އަށް ގޮސް އުޅޭ ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންނަށާއި ހާއްސަކޮށް ހޯރަފުށީގެ ޓީޗަރުންނަށް ލިބިގެންދާނެ ލުޔެއް ކަމަށް އެރަށު މީހުން ބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©