އަވައްޓެރިންނާއި، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ އެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެކަމުގައި ވެސް ވިދާޅުވިއެވެ.

“މި ދެންނެވި މަސައްކަތުގެ ތެރެއިން، ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް މިހާރު ވާނީ، ފުރިހަމަކޮށް ކޮމަންވެލްތަށް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ކޮމަންވެލްތުގެ މެންބަރުކަން އަނެއްކާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް ލިބިގެންދާނެ. އޭރުން، އެ ޖަމާޢަތުގެ ޤައުމުތަކުން ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން އަނެއްކާވެސް ލިބެން ފަށާނެ.” އެ ބައްދަލުވުގައި ރައީސް ވިދާޅުވިއެވެ.

ސިންގަޕޫރުގެ ޒިންމާދާރު ފަންނީ ވަޒީފާތަކުގައި ވެސް ދިވެހިން ތިބިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެބޭފުޅުންނަކީ ދިވެހިންގެ ޢިލްމީ ޤާބިލްކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ނަމޫނާ ބައެއްކަމަށާއި، އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ ރާއްޖެ ފަޚުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.