މުޙައްމަދު އީމާން
30 June 2019
މަޤްބޫލު ޙަބަރު

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު ތަންތަނުގެ މައުލޫމާތު ކުރީ ސަރުކާރުތަކަށް، ޔަގީނާގާތަށް ލިބުނު ނަމަވެސް އޭނާ ރާއްޖެ ނުގެނައި ސަބަބު ތަހުގީގު ކުރަން ހުށަހަޅައިިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ލުތުފީ ފިލައިގެން އުޅެން ފެެށިފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާއިގާތަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ހިއްސާކުރެވިފައިވީ ނަމަވެސް އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

“… މި މައްސަލަ ބަލައި ތަހުގީގު ކޮށްދިނުމަށް އެދި 2019 ޖޫން 27 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑްއަށް ރަސްމީކޮށް ލިޔުމުން އަންގަވާފަ އެވެ. ވީމާ މި މައްސަލަ އެ ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމުގައި ދަންނަވަމެވެ.” ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބަޔާން ކޮށްފައިވާ އެ އަހަރުތަކަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސް ވަރެވެ.

އަދި ކުރީގެ ސަރުކާރުތަކުގައި ލުތުފީ ފިލައިގެން އުޅޭ ތަންތަން ޔަގީނާ ގާތަށް ލިިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނިއިރު، ރައީސް ޔާމީން ސަރުކާރުގެ ދެ ހޯމް މިނިސްޓަރުން ކަމަށްވާ އަޒްލީން އަހުމަދާއި އުމަރު ނަސީރު ވެސް ވަނީ ލުތުފީ ހައްޔަރުކޮށްގެން ދާދި އަވަހަށް ރާއްޖެ ގެންނާނެ ކަމަށް އޭރު ވިދާޅުވެެފަ އެވެ. ނަމަވެސް ސަރުކާރުން ނިމިގެންދިޔަ އިރުވެސް ލުތުފީގެ އެއްވެސް ހަބަރެއް ނުވެ އެވެ.

ލުތުފީ ރާއްޖެ ގެނައުމުގައި ކުރީ ސަރުކާރުތަކުން އިހުމާލު ވެފައިވާ ކަމަށް ފުލުހުން ބުނާއިރު، ސަރުކާރުގެ ޔޫތް މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް ލުތުފީ ހައްޔަރު ކުރަން ފުރުސަތު ލިބުނުކަން އެނގެން އެބަ އޮތް ކަމަށެވެ.

އަދި ހައްޔަރުކުރުމުގެ ހުއްދަ އެދުމުން އޭނާ މަރުވަންދެން ލަންކާގައި ބަހައްޓަން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ކަމަށް މަހުލޫފު ތުހުމަތު ކުރައްވައިފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©