މުޙައްމަދު އިބްރާހިމް
30 June 2019
މަޤްބޫލު ޙަބަރު

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ އެތައް ބައެއްގެ މަރާ ގުޅިފައިވާ މީހެއް ކަމަށާއި އޭނާ ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވި ހުރުމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އޭނާ ހިންގެވި ކަންތައްތަކުގެ ސަބަބުން އެތައް ބައެއް މަރުވެ ގޮސް، އެތައް ރައްޔިތުންނަކަށް ދައްޗާއި ބިރުވެރިކަމާއި ތަކުލީފާ ކުރިމަތިވި ކަމަށެވެ.

އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލުތުފީ ރާއްޖެ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްޥާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

“… ދިވެހި ސަރުކާރުން ސިލޯން ސަރުކާރާ ވާހަކަ ދައްކައިގެން އަދި އދ. އާ ވެސް ވާހަކަ ދައްކައިގެން އިރާދަ ކުރެއްވިއްޔާ ވީހާވެސް އަވަހަކަށް ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެވޭނެ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު ވިދާޅުވި ގޮތުގައި، މީހަކު ރާއްޖެއިން ބޭރަށް ގޮސް ފިލިމުން އެމީހަކު ގެނައުން އެއީ ދިވެހި ދައުލަތަށް ވަރަށް މަދު ފަހަރަކު ނޫނީ ނުކުރެވި އޮތް ކެމެކެވެ.

އެގޮތުން އިބްރާހިމް ނާސިރު ރާއްޖެ ގެނައުމަށް ރައީސް މައުމޫން ކުރެއްވި ބުރަ މަސައްކަތާއި ހުދު އެމަނިކުފާނު ރާއްޖެ ގެނައުމަށް ކުރީގެ ސަރުކާރުން ކުރެއްވި މަސައްކަތް ވެސް ކާމިޔާބު ނުކުރެވި އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©