މުޙައްމަދު އަންވަރު
30 June 2019
މަޤްބޫލު ޙަބަރު

މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގައި އިއްޔެ އިން ފެށިގެން ބައެއް މުވައްޒަފުން ކުރާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި ބައެއް މީހުންގެ ހާލުދެރަވެ އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ އިއްޔެ ކަމަށާއި ކެއުން ހުއްޓާލި މުވައްޒަފުންގެ ތެރެއިން ހާލު ދެރަވި ދެ މީހުން މިހާރު ތިބީ އެ ރިސޯޓު ހުންނަ ކްލިނިކްގައި އައިވީ ގުޅައިފަ ކަމަށެވެ.

ގިނަ މުވައްޒަފުންތަކެއް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ފަށާފައި ވަނީ ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގަ އެ މުވައްޒަފުންގެ ޝަކުވާތައް އަޑު ނޭހުމުން ހިތްހަމަނުޖެހިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ރިސޯޓުގައި މުވައްޒަފުންގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލާއި ގުޅިގެން މައްސަލަ ހައްލު ކުރުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ އެ ރިސޯޓަށް ވަޑައިގަންފައެވެ.

އެ ރިސޯޓަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެމުން އަލީ ވަހީދު ވިދާޅުވީ، ރިސޯޓުން މުވައްޒަފުން ވަކިކޮށްފައިވަނީ ރިސޯޓުގެ މާލީހާލަތު ދަށްވެގެންކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލައްތަކުގައި ވެސް އެއްވެސް ބަޔަކަށް ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުމުގެ ބާރު ލިބިދީފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©