• Mon, 13 July, 2020, 1:35 pm

    ލުތުފީ ގެނެސް ކަރެކްޝަނާ ހަވާލުކުރާނީ މި ސަރުކާރުން: އަލީ ޒާހިރު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އެތައް ދިވެހިންނެއް ޝަހީދުކޮށްލުމަށްފަހު ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާގީ ލުތުފީ) ރާއްޖެ ގެނެސް އޭނާއަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރާނީ މި ސަރުކާރުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

    ލުތުފީ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކައެއް ވެސް މި ސަރުކާރުން ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ލުތުފީ މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ.

    އަދި ވިދާޅުވީ، ލުތުފީ ރާއްޖެ ގެންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަހްމަދު އަޝްރަފް (ޝުމްބާ) ލަންކާ އިން ގެނައި ގޮތަށް ގާނޫނާ ޚިލާފަށް ނޫން ކަމަށާއި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

    ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދު ކޮށްލި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރި އެވެ.

    އޭނާ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ނެވެ. އޭގެ ފަހުން ނުވަ އަހަރު ވަންދެން އޭނާގެ އެއްވެސް ހަބަރެއް ނުވެ ހުރެފައި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އޭނާ ވަނީ އަމިއްލައަށް ހަވާލުވެފަ އެވެ. މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ އެމްބަސީއާ ހަވާލުވިއިރު މިހާރު ވެސް އޭނާ ހުރީ އެމްބަސީގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

    ލުތުފީ ރާއްޖެ ގެނައުން ލަސްވަނީ ސަރުކާރުން ބުނާ ގޮތުގައި، ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވުމުން ނެވެ. އެގޮތުން އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން ލުތުފީ މަސައްކަތްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

    ނަމަވެސް އެއީ ސަރުކާރުން ދައްކާ ބަހަނާއެއް ކަމަށް ބުނެ، ސަރުކާރަށް ދަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

    އެކަމާ ގުޅިގެން ދިވެހި ފުލުހުން މިއަދު ވަނީ ލުތުފީ ފިލައިގެން އުޅުނު ތަންތަން މިދިޔަ ސަރުކާރުތަކަށް ޔަގީނާ ގާތަށް އެނގިތިބެ އޭނާ ރާއްޖެ ގެނައުމަށް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.