މުޙައްމަދު އިބްރާހިމް
30 June 2019
މަޤްބޫލު ޙަބަރު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތި ލައްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ކުރި އިއުލާނެއްގައިވާ ގޮތުން، ޕީޖީ ގުރޫޕުގެ އިންތިހާބުގެ މަގާމުތަކަށް ހުޅުވާލި މަގާމުތަކުގެ ތެރެއިން ވާދަވެރިކަމެއް އޮތީ ހަމައެކަނި ވިޕުންގެ މަގާމުތަކަށެވެ. އެގޮތުން ވިޕުންގެ ގޮތުގައި ހަ މެންބަރުން އިންތިހާބު ކުރަންޖެހޭއިރު އެ މަގާމަށް ހަތް މެންބަރަކު ކުރިމަތިލައްވާފައިވެ އެވެ.

އެހެން ހުރިހާ މަގާމުތަކަށް ކުރިމަތިލައްވާފައިވަނީ އިއުލާން ކުރި އަދަދަށެވެ.

އެގޮތުން ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ޑެޕިއުޓީ ޕީޖީ ލީޑަރު ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރުދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް އެވެ.

އަމީން އާންމުގެ މަގާމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކުރިމަތިލެއްވި އިރު، އަމީންއާންމުގެ ނައިބު ކަމަށް ކުރިމަތިލެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދުދީދީ އެވެ.

މީގެ އިތުރުން، ޕާލިމެންޓްރީ ގުރޫޕުގެ ޗީފް ވިޕްގެ މަގާމަށް ކުރިމަތިލެއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

އަދި ވިޕުންގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރެއްވުމަށް ނަން ހުށަހެޅުއްވި މެންބަރުންނަކީ ގާނޫނީ ވަކީލް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި ހެންވޭރު އުތުރު ދާޢިރާގެ މެންބަރު އިބްރާހިމް މުއިޒު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.

އެމްޑީޕީގެ ފާލިމެންޓްރީ ގްރޫޕްގެ އިންތިހާބް އޮންނާނީ 2 ޖުލައި 2019 ވާ އަންގާރަ ދުވަހު އެވެ.

Leave a Reply

Your email address will not be published.

haftha.mv ©