ނަސްވާ ހަސަން
01 July 2019
މަޤްބޫލު ޙަބަރު

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ރާއްޖެ ގެނައުން ލަސްވާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް ނުގެނެވި ލަސްވާތީ ކުއްލި މައްސަލައެއްގެ ގޮތުގައި އެމައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އެވެ.

އެ މައްސަލައިގައިވާ ގޮތުން ލުތުފީ އިސްކޮށްހުރެ، 19 ދިވެހިން ޝަހީދު ކޮށްލާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރުވާލައި ފިހާރަތައް ލޫޓުވައި މުދާ ފޭރި، އަންހެނުން ހުވަފަތްވެ އަދި ޔަތީމްވެފައިވާ އެތައް ރައްޔިތުންގެ ހިތުގެ އިހްސާސްތަކާއި ގުޅިފައިވާ މީހެއް ކަމަށެވެ.

އަދި ލުތުފީ ލަންކާ އެމްބަސީފައި ދިރިއުޅޭތާ އެއް މަހާއި 24 ދުވަސް ފަހުން ފުލުހުން ބަޔާން ނެރެފައިވާއިރު، އޭނާ 48 ގަޑިއިރު ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމަކު އަދިވެސް އޭނާ ރާއްޖެ ގެނެވިފައި ނުވާއިރު، ފޮރިން މިނިސްޓްރީގެ ބަޔާންތަކުން އޭނާ ގެނައުމުގެ ހުރަސްތަކެއް ހުރި ކަމަށް ބުނެ އުޒުރު ދައްކާ ކަމަށް ވެސް މައްސަލައިގައިވެ އެވެ.

އޭގެ އިތުރުން ލުތުފީ ރާއްޖެ ގެނައުމުގައި ސަރުކާރުން އަންނަނީ އުޒުދައްކަމުން ކަމަށާއި އެކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައި ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފުލުހުންގެ ފަރާތުން ވެސް ފެނިގެން ދަނީ ޒިންމާ އިން “ރޭކޭ” ތަން ކަމަށް އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައިވެ އެވެ.

އާދަމް ޝަރީފް ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިގަންނަން 69 މެންބަރުން ވޯޓް ދެއްވި އިރު، އެއް މެމްބަރަކު ވަނީ ވޯޓްގައި ބައިވެރި ނުވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©