• Sun, 5 July, 2020, 3:24 am

    ލުތުފީއަށް މަރުގެ އަދަބު ދެވުނުނަމަ ޑްރާމާ މިގޮތަށް ހިގާކަށް ނުޖެހުނީސް: އުމަރު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އެތައް ދިވެހިންނެއް ޝަހީދުކޮށްލުމަށްފަހު ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާގީ ލުތުފީ)އަށް އެންމެ ފުރަތަމަ އިއްވި މަރުގެ ހުކުމް ދެވުނުނަމަ، މިއަދު މި ޑްރާމާ މިގޮތަށް ހިނގާކަށް ނުޖެހުނީސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

    ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދު ކޮށްލި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރި އެވެ.

    އަދި އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް 2010 ޖަނަވަރީ 16 ވަނަ ދުވަހު އޭރު އޮތް ރައީސް ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ލުތުފީ ފުރުވާލި އެވެ. އޭގެ ފަހުން ނުވަ އަހަރު ވަންދެން އޭނާގެ އެއްވެސް ހަބަރެއް ނުވެ ހުރެފައި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އޭނާ ވަނީ އަމިއްލައަށް ހަވާލުވެފަ އެވެ.

    މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ އެމްބަސީއާ ހަވާލުވިއިރު މިހާރު ވެސް އޭނާ ހުރީ އެމްބަސީގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

    ލުތުފީ ރާއްޖެ ގެނައުމަށް ލަސްވަމުންދާތީ އެކަމާ ގުޅިގެން ސަރުކާރަށް ދަނީ ފާޑުކިއުން އަމާޒު ވަމުންނެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ދިވެހި ފުލުހުން ވަނީ ލުތުފީ ފިލައިގެން އުޅުނު ތަންތަން މިދިޔަ ސަރުކާރުތަކަށް ޔަގީނާ ގާތަށް އެނގިތިބެ އޭނާ ރާއްޖެ ގެނައުމަށް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

    ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު ލުތުފީ ހޯދަން ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު ހާމަ ކުރައްވާ އުމަރު ނަސީރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ނޮވެމްބަރު 3 ގެ ހަމަލާ ދެވުނު އިރު އޭނާއަކީ ސިފައިންގެ މީހެއް ކަމަށާއި އެ ދުވަހުގެ ހަމަލާ ތަޖުރިބާ ކުރެވުނު ކަމަށެވެ.

    އަދި ޝަހީދު ވެގެން ވެއްޓިފައި ތިބި ދިވެހިން ފެނި، ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެ ތަންތަނުން ނެގި އެކަކީ ވެސް އޭނާކަން އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ، މިކަންކަމާ ގުޅިގެން އޭނާ ހޯމް މިނިސްޓަރުކަމުގައި ހުންނެވިއިރު ލުތުފީ ހޯދުމަށް ވަރަށް ގިނަ ގުނަ މަސައްކަތް ކުރެވުނު ކަމަށެވެ. އަދި އޭގެ  ބައެއް ތަފްސީލު ވެސް އުމަރު ދެއްވި އެވެ.

    އެގޮތުން، ލުތުފީ ހައްޔަރު ކުރުމަށް މަގު ފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް ފުރަތަމަ 75000 ރުފިޔާގެ އިނާމެއް ސަރުކާރުން ހުށަހަޅައި އެ އިނާމު 10000 އެމެރިކާ ޑޮލަރަށް ބޮޑުކުރި ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ސްރީ ލަންކާގެ ފުލުހުންނަށް ވެސް ފޯރުކޮށް ދެއްވުނު ކަމަށް ވިދާޅުވެފައިވެ އެވެ.

    އަދި ސްރީ ލަންކާގެ ލޯ އެންޑް އޯޑަރ މިނިސްޓަރާއި އެކި ފަހަރު މަތިން ބައްދަލުވެ ލުތުފީ ހޯދުމާ ބެހޭގޮތުން ވާހަކަ ދެކެވުނުއިރު ސްރީ ލަންކާގެ ޕޮލިސް ޗީފްއާއެކު ބޭއްވުނު ރަސްމީ ބައްދަލުވުމުގައި ވެސް ލުތުފީގެ މައްސަލަ އެޖެންޑާ ކުރެވި އެހީތެރިކަމަށް އެދެވުނު ކަމަށް އުމަރު ވިދާޅުވި އެވެ.

    “ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ލުތުފީ އާއި ކެރެފާ ނަސީމް އެކުގައި ތިއްބެވި ކަމުގެ މައުލޫމާތު ލިބިގެން، ސްރީ ލަންކާގެ ފުލުހުންގެ އެހީތެރިކަމާއެކު ސްރީ ލަންކާ ފުލުހުން ވަގުތުން ފޮނުވުނު. ނަމަވެސް ލަންކާ ފުލުހުން ދިޔައިރު ލުތުފީ ވަނީ ފިލާފައި. ލުތުފީ ސްރީ ލަންކާގެ ނުގޭގޮޑާގައި ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބިގެން، ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ސްރީ ލަންކައަށް ފޮނުވާ ފާރަލެވުނު. މި އޮޕަރޭޝަން 1 މަސް ދުަވހަށް ދެމިގެންދިޔަ.” ލުތުފީ ހޯދުމަށް ކުރެވުނު ބައެއް ކަންކަން އުމަރު ހިއްސާ ކުރެއްވި އެވެ.

    އޭނާ ވިދާޅުވި ގޮތުގައި، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ވަދެ ލަންކާގެ ފުލުހުންނަށް ފިލަން ލުތުފީ އޮންނަން ޖެހުނީ ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ ފައިސާގެ އިނާމްގެ ސަބަބުން ކަމަށެވެ. އަދި ސްރީ ލަންކާގެ ވަކިވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯ އާއި ވަނަވަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

    އަދި ވިދާޅުވީ، މީހުން މަރާ މީހުންނަށް މަރުގެ އަދަދބު ދޭން އޭނާ ވަކާލާތު ކުރަނީ މި ސަބަބަށްޓަކާ ކަމަށެވެ.

    “ލުތުފީގެ މަރުގެ އަދަބު ދެވުނު ނަމަ މި ޑްރާމާ މިގޮތަށް ހިނގާކަށް ނުޖެހުނީސް. ޝަހީދު ވެގެން ދިޔަ 19 ދިވެހިންނަށް އިންސާފު ލިބުނީސް،” އުމަރު ވިދާޅުވެފައިވެ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.