މުޙައްމަދު އީމާން
01 July 2019
މަޤްބޫލު ޙަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ މާލޭގެ ގެ އެއްގެ ތެރޭގައި ހުއްޓާ ފުލުުހުން ހޯދައިފި އެވެ. ޝައިމް ހޯދާފައި މިވަނީ، އޭނާ ފިލިތާ ބަރާބަރު ދެ ހަފްތާ ފަހުން ނެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިމް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ޝައިމް ގެނައީ އޭނާ ފިލައި ހުރި ގެއަށް ގަދަކަމުން ވަދެގަތުމަށް ފަހު ކަމަށް ވިދާޅުވެފައިވެ އެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ފިލާފައިވާކަން އެންމެ ފުރަތަމަ ހާމަކުރީ ފުލުހުން ނެވެ. ނަމަވެސް މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 9:29 ގައި ޝައިމް ގެއްލުނުއިރު، އޭނާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ.

ޝައިމް ގެއްލުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ހިޔާގައި ހުއްޓައި ކަމަކަށް ޖެންޑާ މިނިސްޓްރީން ފުރަަތަމަ އެއްބަހެއް ނުވި އެވެ. ނަމަވެސް މީޑިއާގެ ފިއްތުންތަކާ ހެދި ޖެންޑާ މިނިސްޓްރީން ފަހުން ވަނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “އަމާން” ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށާއީ އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށް ބުނެފަ އެވެ.

އަދި ފަހުން ޝައިމްގެ މައްސަލާގައި ޖެންޑާ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުން ކަމަށް އިއުތިރާފްވެފަ އެވެ.

އަދި ކުށުގެ ވެށީގައި އުޅެނިކޮށް ޝައިމް މިދިޔަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހަދާ ކަމަށާއި ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©