މުޙައްމަދު އިބްރާހިމް
01 July 2019
މަޤްބޫލު ޙަބަރު

ދެހާސް ފަންސަވީސް ވަނަ އަހަރުން ފެށިގެން އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ރާއްޖޭގައި މަނާކުރުމުގެ ލަނޑުދަނޑިއަށް މަސައްކަަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާތީ، އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ އިލްތިމާސެއް ހުށަހަޅައިފަ އެވެ.

މާލޭގެ 17 ސްކޫލެއް ތަމްސީލު ކުރާ ދަރިވަރުން އެ އިލްތިމާސް ހުށަހެޅީ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމޭޓް ޗޭންޖް ކޮމިޓީގެ މެންބަރުންނާ މިދިޔަ އާދީއްތަ ދުވަހު ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ދަރިވަރުން ހުށަހެޅި އިލްތިމާސްގެ މައްޗަށް ބިނާކޮށް ކޮމެޓީން ތައްޔާރުކުރި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ވޯޓާއެކު އެވެ.

މިއަދު ފާސްކުރި ގަރާރުގައި ދައުލަތުގެ މުއައްސަސާތަކުން މައިގަނޑު ހަ ކަމެއް ކުރަން ކަނޑައަޅައި ގޮވާލައިފައިވެ އެވެ.

އެގޮތުން އެ ގަރާރުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަދުކުރުމަށް ގޮސް 2024 އިން ފެށިގެން އެފަދަ ފުޅި ރާއްޖޭގައި މަނާ ކުރުމާއި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ހޮޅިއާއި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކޮތަޅު 2020 ގެ ނިޔަލަށް ރާއްޖޭގައި މަނާކުރުމަށެވެ.

އަދި 2025 ގެ ނިޔަލަށް ހުރިހާ ބާވަތެއްގެ އެއް ފަހަރު ބޭނުންކޮށް އުކަލެވޭ ޕްލާސްޓިކް ބޭނުން ކުރުން ރާއްޖޭގައި މަނާކުރަން ލިޔެފައިވާއިރު، އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލައި ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުންކުރުން ހުއްޓުވުމުގެ ބާރު އެޅުމަށް ވެސް ހިމަނާފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©