މުޙައްމަދު އަންވަރު
01 July 2019
މަޤްބޫލު ޙަބަރު

ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފްއާ އެކު އިތުރު ހަތަރު ގާޒީއެއް ސުލޫކީ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ޑުރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ އިތުރުން ހަތަރު ގާޒީއެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ހަތަރު ގާޒީންގެ މައްސަލަ ބެލުމަށް ކޮމެޓީތަކެއް ހަދާފައިވާ ކަން ޒަހީން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އާރިފަކީ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ކުރެއްވި ގާޒީ އެކެވެ.

އާރިފްގެ އިތުރުން ޖޭއެސްސީން ދެން ބަލަން ނިންމާފައި ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހުސައިން ރަޝީދު އާއި ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ އިތުރުން ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާން އަލީ އަދި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސައިނާއި ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެކެވެ.

އޭގެ އިތުރުން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނާޝިދާއި ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާ އަކާއި ގުޅިގެން، އޭނާއަށް ނަސޭހަތް ދިނުމަށް ވެސް ނިންމާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©