މުޙައްމަދު އަންވަރު
03 July 2019
މަޤްބޫލު ޙަބަރު

ނުރައްކާތެރި ހާލަތްތަކުގައި ހުރި ދުވަސްވީ ބާ އިމާރާތްތަކުގެ މައްސަލަ ޕްލޭނިން މިނިސްޓްރީއަށް ނުވަތަ ސިޓީ ކައުންސިލަށް ރިޕޯޓު ކުރަން އެދެފި އެވެ.

ޕްލޭނިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބާވެފައި ހުރި އިމާރާތްތަކުން ބައިތައް ވެއްޓި މީހުންނަށް އަނިޔާވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށާއި ނުރައްކާތެރި ކަމަށް ބެލެވޭ އިމާރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީއަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅުމަށް އެދޭ ކަމަށެވެ.

އިމާރާތެއްގެ މައްސަލަ ޕްލޭނިން އަށް ރިޕޯޓް ކުރާއިރު އެތަނެއްގެ ފޮޓޯ ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ. އީމެއިލް އަދި ސިޓީ މެދުވެރިކޮށް ފޮޓޯ ހުށަހެޅޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ނުރައްކާތެރި ގޮތަކަށް ހުރި ތަނެއްގެ ގޮތުގައި ބަލަނީ

  • ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ގޮތަކަށް ތަނެއް އިމާރާތްކޮށްފައި ހުރުން
  • އިމާރާތެއް ގިނަ ދުވަސްވެ ބާ ވުމުގެ ސަބަބުން
  • އިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން
  • އިމާރާތްކުރުމުގެ މަސައްކަތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން
  • ދިމާވި ހާދިސާއެއްގެ ސަބަބުން

އެގޮތުން ރިޕޯޓް ކުރާ ތަނަކީ ނުރައްކާތެރި ތަނެއް ނަމަ އެކަން އެ ތަނުގެ ވެރިފަރާތަށް އަންގާނެ ކަމަށާއި އެތަނުގައި ނޯޓިސްއެއް ހަރު ކުރާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އެހެން ހަދާފައިވަނިކޮށް އިމާރާތުގެ ސަބަބުން ގެއްލުމެއް ވެއްޖެ ނަމަ ޒިންމާވާނީ އިމާރާތުގެ ވެރިފަރާތަށް ނުވަތަ އިމާރާތް ބޭނުން ކުރާ ފަރާތަށް އަންގާފައިވާ ނަމަ އެ ފަރާތެކެވެ.

ޕްލޭނިން މިނިސްޓްރީއިން އެހެން ބުނެފައިވާއިރު މިދިޔަ މަހު ގެއެއްގެ ބެލްކަނީ ވެއްޓި ވަނީ ބަޔަކަށް އަނިޔާވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©