މުޙައްމަދު އީމާން
03 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން މިއަދު ހުށަހަޅައިފި އެވެ.

އިމްރާން މަޖިލިހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރުގެ ހުށަހެޅުއްވުމުގައި ބުނެފައިވަނީ، ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ކުރީ ދުވަހު، 6 ފެބްރުއަރީ 2012 ވަނަ ދުގަހުގެ ރޭ ޣައިރުގާނޫނީ އަމުރުކުރާކަމަށްބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލުނުވެ ޖެހިގެން އައި ދުވަހު ހަމަނުޖެހުންތަކެއް ހިނގައި، ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވި ކަމަށެވެ.

އަދި 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓްތަކުގައި ހުޅުޖަހާފައިވާ ކަމަށެވެ.

އެކަމަށް ރިޔާއަތްކޮށް، ޖާބިރު ހުށަހެޅުއްވީ ފުލުހުންގެ ތެރޭގައި އެފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރަކާ ސުވާލުކުރާ ނަމަ، އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން ބަންދު ދުވަސްތައް ނުލައި 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ. އެހެންކަމުން މި މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެނީ މިމަހުގެ ފަހު ކޮޅަށެވެ.

ނަޝީދުގެ ވެރިކަން “ބަޣާވާތަކުން” ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރާއިރު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ 7 ފެބްރުއަރީ 2012 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށް ފަހު އެވެ.

އަދި އޭރު ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނެވެ.

Leave a Reply

Your email address will not be published.

haftha.mv ©