މުޙައްމަދު އިބްރާހިމް
03 July 2019
މަޤްބޫލު ޙަބަރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީތަކުގައި ކޮމިޝަނުގެ މެމްބަރުން ނޫން ފަރާތްތައް ހިމެނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ. އެގޮތަށް ޖޭއެސްސީން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

އެގޮތުން ކޮމިޝަންގެ ތަހުގީގު ކޮމެޓީތަކުގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކުގައި ހުރުން ލާޒިމްކުރާ ޝަރުތުތަކާއި އެ ޝަރުތުތައް ހަމަވާ ފަރާތްތައް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީތަކުގައި އެ ކޮމިޝަނުންގެ މެންބަރުން ނޫން އެހެން ފަރާތްތައް ހިމެނުމަށް ނިންމާފައިވާއިރު، ޖޭއެސްސީން ދަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އިތުރު ހަތަރު ކަމެއް ވެސް ވަނީ ނިންމައިފައެވެ.

އެގޮތުން ޖޭއެސްސީގެ ގާނޫނަށާއި ކޯޓުތަކުގެ އޮނިގަނޑު އަދި ފަނޑިޔާރުންގެ ޝަރުތުތައް ރިވިއުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ އޮނިގަނޑާއި މެޖިސްޓްރޭޓުން އައްޔަންކުރުން މިވަގުތަށް މަޑުޖައްސާލަން ނިންމި އެވެ.

އޭގެ އިތުރުން  ޖޫން 13، 2019ގައި ބޭއްވުނު ކޮމިޝަނުގެ ޖަލްސާގެ އޯޑިއޯ ރެކޯޑިންގ އަދި ޔައުމިއްޔާ ހޯދުމަށް އެދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކޮމިޝަނަށް ހުށަހެޅި ސިޓީއާމެދު ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ގޮތެއް ނިންމައިފަ އެވެ.

އެގޮތުން ޕީއެންސީން ބޭނުންވެގެން ހުށަހެޅި މައުލޫމާތުތަކުގައި ފަނޑިޔާރުންގެ ޒާތީ މައުލޫމާތު ހިމެނޭތީ އާއި ކޮމިޝަނުގެ ގާނޫނުގައި އެ މައުލޫމާތު ދިނުމަށް ބަޔާންކޮށްފައިވާ ފަރާތެއް ކަމުގައި ނުވުމުން، އެ މައުލޫމާތު އެ ޕާޓީއާ ހިއްސާނުކުރުމަށް ވަނީ ނިންމައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©