މުޙައްމަދު އިބްރާހިމް
03 July 2019
މަޤްބޫލު ޙަބަރު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހޮވިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވި ވަޑައިގެންނެވި ހެންވޭރު ދެކުނު ދާއިރާގެ ޙުސައިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން ޕީޖީ ގުރޫޕުގެ އަމީން އާއްމު ކަމަށް ހޮވިވަޑައިގެންނެވި އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ، މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު ބާއްވައި، ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފައިވަނީ މިއަދު އެވެ. ނަމަވެސް ވިޕުންގެ މަގާމުތައް ފިޔަވައި އެހެން ހުރިހާ މަގާމަކަށް މެންބަރުން ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ބޭނުންވާ އަދަދަށެވެ.

އެގޮތުން ޕީޖީ ލީޑަރު ކަމަށް އާޒިމް، އަދި ޑެޕިއުޓީ ޕީޖީ ލީޑަރުކަމަސް އަނދުން ހުސެއިން އާއި އިލްޔާސް ލަބީބް އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުން ނެވެ.

އަދި އަމީން އާންމުގެ މަގާމަށް ބިގޭ، އަމީންއާންމުގެ ނައިބުގެ މަގާމަށް ހުސެއިން މުހައްމަދު ދީސީ އަދި ޕީޖީ ގުރޫޕްގެ ޗީފް ވިޕްގެ މަގާމަށް ރޮޒައިނާ ވެސް އިންތިހާބު ކޮށްފައިވަނީ ވޯޓު ދެއްވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©