މުޙައްމަދު އިބްރާހިމް
04 July 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅުންހުރި ލިޔެކިއުންތައް ހޯދައި ހައި ކޯޓާ ހަވާލުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެ މައްސަލައިގެ ލިޔެކިޔުންތައް ގެއްލުނީ ފުނަދޫގައި ހުއްޓައި ކަމަށާއި އޭރު އެތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށެވެ.

އެ ލިޔެކިޔުންތައް ގެއްލުނު ނަމަވެސް އެ ލިޔުންތަކުގެ އަސްލު ކޮމްޕިއުޓަރު ސިސްޓަމްތަކުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެތަކެތި މިހާރު ހައި ކޯޓާއި ފުލުހުންނާ ހަވާލުކޮށް މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ނިޔަލަށް އެކި ފަހަރު މަތީން އެސްޓީއޯއިން މެރީޑިއަމުން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެ މައްސަލަ އެސްޓީއޯއިން އެންމެ ފުރަތަމަ ހުށަހެޅީ 2016 ވަނަ އަހަރު ސިވިލް ކޯޓަށެވެ.

ނަމަވެސް އެ އަހަރުގެ ޖޫން މަހު ސިވިލް ކޯޓުން ވަނީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރި ކަން ސާބިތުނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.

އަދި ރިޔާޒު ރަޝީދު އެސްޓީއޯއަށް ދައްކަން ޖެހޭ އެ ފައިސާގެ މައްސަލަ ހައިކޯޓަށް ހުށަހަޅައި އެ ކޯޓުން އެ މައްސަލަ ނުނިމި އޮތީ ވެސް އެ މައްސަލައިގައި އެސްޓީއޯއިން ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ގެއްލިގެން ނެވެ.

އެގޮތުން އަމްރު ވަނީ، މައްސަލަ ނުނިމި ހައި ކޯޓުގައި ގިނަ ދުވަސްވަމުންދާތީ ކުންފުންޏަށް ގެއްލުން ލިބެމުންދާ ކަމަށް އިއްޔެގެ ކޮމެޓީގައި ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©