• Wed, 8 July, 2020, 12:01 am

  ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ސީރިޔާގެ ހަނގުރާމަ އަށް ފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

  ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސީރިއާގައި އެ ހިނގަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެއީ ދާހިލީ ހަނގުރާމައެއްގެ ގޮތުގައި އެއްވެސް ގައުމަކުން ބަލައެއް ނުގަންނަ ކަމަށެވެ.

  އެ ހަނގުރާމައިގައި ބައިވެރިވި ހަނގުރާމަވެރިން ބަލިވެ، އެމީހުންނާއި އާއިލާތައް މިހާރު ތިބީ އެކިއެކި ކޭމްޕު ތަކުގައި ކަމަށާއި އެތަނުގައި ތިބި ދިވެހިންގެ މައުލޫމާތު އެމީހުންގެ އާއިލާތަކުން ސަރުކާރާ ހިއްސާ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހިންގެ ސައްހަ އަދަދު ސަރުކާރަކަށް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

  “އަޅުގަނޑުމެން، ޔޫއެންއެޗްސީއާރާއި ބައެއް ޖަމާއަތްތަކާ ގުޅިގެން އެތާ ތިބި ސީރިއާގައި ތިބި އަންހެނުންނާއި ކުޑަކުދިން. އެތަނުގައި އެބަތިބި މަޖުބޫރީ ހާލަތުގައި ގޮސް ތިބި މީހުން. އެއީ ގަބޫލު ކުރަން ޖެހޭނެ ކަމެއް. އެހެންވީމަ އެމީހުން ގެނެވޭނެ ގޮތެއް ބަލައި ގެނެވޭނެ އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،” ރައީސް ވިދާޅުވި އެވެ.

  އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސީރިއާގައި ތިބި މީހުން ރާއްޖެ ގެނެސް މުޖުތަމައުއަށް ދޫކޮށްލުމަކީ މުޅި މުޖުތަމައުއަށް އޮތް ނުރައްކަލެއް ކަމަށް ދިވެހިން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

  އެގޮތުން އެމީހުން ރާއްޖެ ގެނެސް، ޑީރެޑިކަލައިޒް ކޮށް އަނބުރާ މުޖުތަމައު ތެރެއަށް ނެރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް ކުރުމަށް ސެންޓަރަކާއި އެކަމަށް މީހުްނ ތަމްރީން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

  “ޔޫއެންގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކޭމްޕުތަކުން އެމީހުން ނެރެ، އަޅުގަނޑުމެންގެ ބާރު ހިނގައި ނުވަތަ ގުޅުން އޮތް ހިސާބަކަށް ގެންގޮސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ.” ރައީސް އިތުރަށް ވިދާޅުވި އެވެ.

  ސީރިއާގައި ތިބި ދިވެހިންގެ ސައްހަ އަދަދު ސަރުކާރަށް ނޭނގޭ ކަމަށް ރައީސް ވިދާޅުވިއިރު، ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި މިފަހުން ވަނީ އާންމުވެފަ އެވެ.

  އެ މައުލޫމާތުތަކުގައިވާ ގޮތުން އުމުރުން އެއް މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން އެބަ ތިއްބެވެ. ބައެއް ކުދިންގެ މަންމަގެ ނަން ހިމަނާފައިވިޔަސް ބައްޕަގެ ނަމެއް ނެތެވެ. އެ ލިސްޓްގައި ޖުމްލަ 33 ނަން ހިމެނެ އެވެ. ނަމަވެސް ބައެއް ކުދިންގެ އުމުރު ނެތުމުން ލިސްޓްގައި ހިމެނެނީ ޖުމްލަ ކިތައް ކުދިންކަމެއް ނޭނގެ އެވެ.

  މި ލިސްޓާ ގުޅޭ ގޮތުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ވަކި އެއްޗެއް ހާމަ ނުކުރި ނަމަވެސް، އެ ސެންޓަރުން މީގެ ކުރިން ވަނީ ހަނގުރާމައިގައި ބައިވެރިވާން 61 ފިރިހެނަކު ސީރިއާ އަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ފުރީ އަނބިދަރިން ގޮވައިގެން ކަމަށް ބުނެފަ އެވެ.

  ނަމަވެސް ތަފްސީލު އަދަދެއް އެންސީޓީސީއަކުން ހާމައެއް ނުކުރެ އެވެ.

  އެންސީޓީސީން އިތުރަށް ބުނެފައިވަނީ، ހަނގުރާމަވެރި ކޭމްޕްތަކުގައި އުޅޭ ބައެއް މީހުންގެ ފިރި މަރުވެ، ހާލުގައި ޖެހުމުން ރާއްޖެ ގެނެސްދޭން ވެސް އޭގެ ތެރެއިން ބައެއް މީހުން އެދެމުންދާ ކަމަށާއި ނަމަވެސް އެއީ ކޮން ބައެއް ކަން އެނގޭނެ ފަދަ ލިޔެކިޔުންތައް ނެތުމާ އެކު އެ މީހުން ރާއްޖެ ގެންނަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.