• Thu, 2 July, 2020, 9:59 am

    ލުތުފީ ގެންނަން ސީއައިޑީގެ ހުއްދަ ލިބިއްޖެ، ހަރަދުވާނީ 3000 ޑޮލަރު: ރައީސް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ސްރީ ލަންކާ ފުލުހުންގެ ސީއައިޑީން އެގައުމުގެ ސަރުކާރަށް ހުއްދަ ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހއްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

    ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލުތުފީ ރާއްޖެ ގެނެވޭނީ ކޮންއިރަކުންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވަރަށް އަވަހަށް އޭނާ ރާއްޖެ ގެނެވޭނެ ކަމަށާއި ނަމަވެސް ގެންނާނީ ސްރީ ލަންކާގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.

    އެގޮތުން ލަންކާ ފުލުހުންގެ ސީއައިޑީ ޑިޕާޓްމަންޓަށް ލުތުފީ ހާޒިރުކޮށް އޭނާގެ ބަޔާނެއް މިހާރު ނަގައި، ލަންކާއިން ފުރުވާލުމަށް އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިހާރު މަޑުމިކުރަނީ އެގައުމުގެ ބަންޑާރަ ނައިބްގެ ލިޔުމަކަށް ކަމަށެވެ.

    “އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް (ލުތުފީ) ގެނެވޭނެ. އަޅުގަނޑު ބޭނުމެއް ނުވި އެތަނުގައި (ލަންކާގައި) އޮންނަ ޑިއު ޕްރޮސެސް ފުރިހަމަނުކޮށް ގެންނާކަށް. އިއްޔެއާ ހަމައަށް ވެސް ބަންޑާރަ ނައިބުގެ އޮފީހަކުންނެއް އެ ލިޔުމެއް ނުލިބޭ. އިއްޔެ ވާހަކަ ދެއްކިއިރު ވެސް ސީއައިޑީން ވަކިގޮތެއް ނުނިންމަނީސް ތިމަންނަމެންނަށް ލިޔުމެއް ދެވޭކަށް ނެތްވާހަކަ ބުނެފަ އޮތީ،” ލުތުފީ ގެނައުމާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

    މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން 2.7 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އިދިކޮޅުން ދެއްކި ވާހަކަ ރައީސް ވަނީ ދޮގު ކުރައްވައިފަ އެވެ.

    އެމަނިކުފާނު ވިދާޅުވީ، ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނީ ވިސާއަށް ދައްކަންޖެހޭ 3000 ޑޮލަރު (46260 ރުފިޔާ)ގެ އިތުރުން އޭނާގެ ޓިކެޓަށް ހަރަދުވާ ފައިސާ އެކަނި ކަމަށެވެ.

    “ލުތުފީ ގެންނަން 2.7 މިލިއަން ޚަރަދު ކުރާކަށް ނުޖެހޭ. އެކަމަކު ލުތުފީ ލަންކާގައި ހުރީ ވިސާ ނެތި. އޯވަސްޓޭގައި. އެހެންވީމަ ވިސާ އަށް ދައްކަން ޖެހޭ 3000 ކޮންވެސް ޑޮލަރެއް އެބަ އުޅޭ. އެ ދައްކަން އެބަ ޖެހޭ. އަނެއްކާ ލުތުފީ މާލެ ގެންނަން ޓިކެޓު ވެސް ގަންނަން އެބަ ޖެހޭ. އެ ޚަރަދު ވެސް ސަރުކާރުން ކުރަން ޖެހޭނީ،” ރައީސް ވިދާޅުވި އެވެ.

    ރައީސް ސޯލިހު ވިދާޅުވީ، ދައުލަތުން މި ހަރަދުތައް ކުރި ނަމަވެސް ވިސާ ނެތި ގަވާއިދާ ޚިލާފަށް ލަންކާގައި އުޅުމުން ދައްކަން ޖެހޭ ޖޫރިމަނާ ސަރުކާރުން ދައްކަން ނުޖެހޭނެ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ ލުތުފީ ކަމަށެވެ.

    އަދި ވިދާޅުވީ، ދިވެހިން ބޭނުންވަނީ ލުތުފީ ގެނައުމަށް ދައްކަން ޖެހޭ އެއްޗެއް ދައްކައިގެން ނަމަވެސް ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލުން ކަމަށެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.