ނަސްވާ ހަސަން
05 July 2019
މަޤްބޫލު ޙަބަރު

ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލިއިރު، ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި މައުމޫން ހަމީދު ކުރިމަތިލައްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކޮމިޝިނާ އަހުމަދު އަކުރަމް “ހަފްތާ” އަށް މައުލޫމާތު ދެމުން ވިދާޅުވީ، ބާ ކައުންސިލްގެ އިންތިހާބުގެ ރައީސް ކަމަށް ދެ މެމްބަރަކު އަދި ނައިބު ރައީސް ކަމަށް ވެސް ދެ މެމްބަރަކު ކުރިމަތިލައިފަވާ ކަމަށެވެ. އޭގެ އިތުރުން އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް ވަނީ 19 ވަކީލަކު ކުރިމަތިލައްވާފަ އެވެ

ބުނީ އެ ކައުންސިލަށް ކުރިމަތިލުމުގެ ވަގުތު އިއްޔެ ހަމަވިއިރު ރައީސް ކަމުގެ މަގާމަށް ހުސްނުއްސުއޫދާއި މައުމޫން ހަމީދު ކުރިމަތި ލެއްވި ކަމަށެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

މިމަހު 13 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލާނީ ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ 1،600 ވަކީލުންގެ މެދުގަ އެވެ.

އަދި އިންތިހާބުގައި މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ މުއްދަތާއި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©