ނަސްވާ ހަސަން
06 July 2019
މަޤްބޫލު ޙަބަރު

ރޭ މާލޭ ގެއެއްގެ ތެރެއަށް ފުލުހުން ވަދެ، އެގޭގައި ހުރި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވުމާއި ގުޅިގެން އެ ވީޑިއޯ ނެގި ބަޔަކު ހޯދުމަށް އެހެން ގެޔަކަށް ވަދެ، އެގޭގެ މީހުންނަށް ފުލުހުން ބިރު ދައްކައިފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްއަބްދުއްސައްތާރު ކުރި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ރޭ އަނިޔާކޮށްފައި ވަނީ އެގޭ ކުރިމަތީގަ އިން ގެއެއްގައި ކަމަށެވެ. އަދި އަނިޔާކުރި ފުލުހުން އަނަސްގެ ގެ، މ. ބަޑިކުޅިގެއަށް ވަދެ ސުވާލު ކޮށް، އަނިޔާކުރި ވަގުތު ވީޑިއޯ ނެގީ އެގޭގައި ތިބި ބަޔަކު ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށެވެ. އެއަށްފަހު އެންމެންގެ ފޯނު ފާސްކޮށް، ވީޑިއޯ ޑިލީޓް ކުރުމަށް ބިރުދައްކާފައިވާ ކަމަށާއި އެގޭގެ މަތީ ދެ ފްލޯއަކަށްވެސް ފުލުހުން ވަތް ކަމަށް އަނަސް ވިދާޅުވި އެވެ.

އަދި އެ ފުލުހުންގެ ބެޖް ދެއްކުމަށްފަހު، އެ ހިންގަނީ އޮޕަރޭޝަނެއް ކަމަށްވެސް އެ ފުލުހުން ބުނި ކަމަށް އަނަސް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި، މާލޭ ގެއެއްގެ ތެރޭގައި ހުރި މީހަކަށް އަނިޔާ ކުރުމުގައި ބައިވެރިވެފައިވަނީ ހަތަރު ފުލުހެކެވެ. ވީޑިއޯގައި އެ މީހާގެ ގައިގާ ކޮޅުފައިން ޖަހައި ފާރަށް ބާރަށް ކޮށްޕާލައި ބިންމައްޗަށް ވައްޓާލަން ވަރަށް ރީތިކޮށް ފެންނައިރު ގޮއްމުއް ކިޔާފައި އޭނާގެ ގައިގަ އާއި މޫނުގައި ތަޅާތަން ވެސް ފެނެ އެވެ.

އަދި އެކަމުގައި ބައިވެރިވި އެއް އޮފިސަރަކު އެ މީހާގެ އަތް އޮބަހައްޓައި ގަލެއް ކަމަށް ބެލެވޭ އެއްޗަކުން އަތުގައި ތިން ވަރަކަށް ފަހަރު ޖަހާތަން ވެސް ފެނެ އެވެ. ނަމަވެސް އެ ވީޑިއޯއިން އެ މީހާގެ ފަރާތުން އެއްވެސް ދެކޮޅު ވެރިކަމެއް ފެންނަ ތަނެއް ނުފެނެ އެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކުރަން ވަތް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް އެ ގޭގައި ހުރި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ފެނިފައިވާ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ހަތަރު އޮފިސަރުން ވަގުތުން ސަސްޕެންޑްކޮށް އެމީހުން ތަހުގީގު ވަނީ ފަށާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©