ނަސްވާ ހަސަން
06 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާ އަށް ވަޑައިގަތުމަށްފަހު މިއަދު ހަވީރު ރާއްޖެ އަތުވެއްޖެ އެވެ.

ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވޭ އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަން ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުއްދައާއެކު ޓްރެވަލް ޑޮކިއުމަންޓެއްގައި އަދީބު ބޭސްފަރުވާއަށް ފުރީ ޖެހިގެން އައި ދުވަހު އިންޑިއާގެ ބެންގަލޫރަށެވެ. އަދީބާ އެކު އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް ވަޑައިގަތެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވިދާޅުވި ގޮތުގައި، ބޭސްފަރުވާ ކުރުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށެވެ. އަދި ފަރުވާއަށް ފަހު އަދީބު އައުމަށް ހަމަޖެހިފައި ވަނީ ޖޫން 26 އަށެވެ. ނަމަވެސް ބޭސްފަރުވާގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިނުވާތީ އާއި ވަކިން ހާއްސަކޮށް، ކެންސަރ ސްކްރީނިންގ އެއް ހެދުމަށް ޑޮކްޓަރުން ދެއްވި ލަފައާއެކު ކަންކަން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދުމުން އަދީބަށް ވަނީ 10 ދުވަސް އިތުރުކޮށްދީފަ އެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ކްރިމިނަލް ކޯޓުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދީބު މިހާރު ހުންނެވީ، ކުރިން އޮތް ޝަރީއަތުގެ މަޖިލިހެއްގައި ކޯޓުގެ ހުރުމަތް ކެނޑުއްވުމުން އިއްވި 15 ދުވަހުގެ ބަންދުގަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހުގެ 18 ގަ އެވެ. އެކަމަކު ބޭސްފަރުވާ އަށް ފުރާވަޑައިގަތުމާ އެކު ބޭސް ފަރުވާއަށް ފުރި ދުވަހުން ފެށިގެން އެ ހުކުމް ތަންފީޒުކުރުން މެދުކެނޑޭނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©