ނަސްވާ ހަސަން
07 July 2019
މަޤްބޫލު ޙަބަރު

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ފެހިދުވުން ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

ރޭ ކުޅިވަރު އެކުވެނި ދަނޑުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފެހިދުވުމުގެ 30 ގަޑިއިރުގެ ދުވުމުގެ އެންމެ ފަހުބުރުގެ ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއިރު، ކަލާފާނު ސްކޫލުގެ ފަރާތުން އެކަމަނާއަށް ވަނީ “ހަނދާނީ ދިދަ” އެއްވެސް އަރުވާފައެވެ.

ކަލާފާނު ސްކޫލުގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި 30 ގަޑިއިރުގެ މި ދުވުން ފަށާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3 ޖެހިއިރުއެވެ. އަދި އެ ސްކޫލޫގެ އެހާރާއި މިހާރުގެ ދަރިވަރުން ގްރޫޕްތަކަށް ބަހާލައިގެން 30 ގަޑިއިރު ހަމަވަންދެން ވަނީ ދުވުން ކުރިޔަށްގެންގޮސްފައި ވެއެވެ. މި ގޮތުން ދުވުން ނިންމުމާ ހަމައަށް އެ ސްކޫލުގައި ކިޔެވި އަދި ކިޔަވަމުންދާ ދެހާހެއްހާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގެ މަޤްޞަދުތަކުގެ ތެރޭގައި ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމާއެކު އެ ސްކޫލުގެ ދަރިވަރުންނަކީ އަބަދުވެސް ދުޅަހެޔޮ ދިރިއުޅުމަކަށް މިންހެޔޮ ކާނާއާ ކަސްރަތުގެ މުހިންމުކަން ޤަބޫލުކޮށް އެގޮތަށް އަމަލުކުރާ ބަޔަކަށް ހެދުން ހިމެނެއެވެ.

އެގޮތުން ދުވުން ކުރިއަށްދިޔައިރު، ޚާއްޞަ ހަރަކާތެއްގެ ގޮތުގައި، ‘ދުޅަހެޔޮ ދިރިއުޅުމަކަށް މިންހެޔޮ ކާނާއާއި ކަސްރަތު’ މި ޝިއާރުގެ ދަށުން ‘ލިވް ލައިފް’ގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މިއީ މީގެ ކުރިން އެއްވެސް ސްކޫލެއްގައި ކުރިޔަށްގެންގޮސްފައި ނުވާ އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެޕްރޫވަލް ލިބިފައިވާ ކަސްރަތު ޕްރޮގްރާމެކެވެ. މިއީ އެ ސްކޫލުގެ ދަރިވަރުންނަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އެޕްރޫވްކުރާ މިންގަނޑަށް ފެތޭ ކުދިން ތިބި ފުރަތަމަ ސްކޫލަށް ހެދުމުގެ ގޮތުން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ.

އޭގެ އިތުރުން މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ޒުންބާގެ ސެޝަންތަކާއި ޞިއްޙީ ކަންކަމަށް އަހުލުވެރިކުރުމުގެ ގޮތުން ސްޓޯލްތައް ބަހައްޓައިގެން އެސަރަހައްދުގައި ހަރަކާތްތައް ކުރިޔަށްގެންގޮސްފައި ވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©