• Thu, 2 July, 2020, 11:54 am

    ކިޔާންގެ މަރު: ދަރިފުޅުގެ އުފަލަށް ދިޔަ ދަތުރު ވެދިޔައީ ހަޔާތުގެ ފަހު ދަތުރަށް!

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    “ބޭބީ. މަންމަ ގާތު ބައެއް މީހުން އަހާ، މަންމަގެ ހުންނަނީ ދަރިފުޅު އެކަނިތޯ. އެ ސުވާލަށް މިއަދު މަންމަ ޖަވާބުދޭން ބޭނުން. މަންމަގެ ހުރިހާ ވަގުތެއް ދަރިފުޅަށް ދިނީ ދަރިފުޅު ހާއްސަ ވީމަ. ދަރިފުޅަށް އިތުރު އަޅައިލުން ބޭނުންވާތީ. ދަރިފުޅަށް އިތުރު ސަމާލުކަން ބޭނުންވާތީ. ދަރިފުޅަށް އިތުރު އެހީތެރިކަން ބޭނުންވާތީ. މަންމަގެ ހުރިހާ ވެސް އެދުމަކަށް ވީ ދަރިފުޅުކީ “ނޯމަލް” ކުއްޖަކަށް ވާން. ދަތުރު ދިޔައީ ދަރިފުޅު އުފަލުގައި ބަހައްޓަން. އެކަމަކު ދަރިފުޅު މަންމަގެ ފަރާތުން ގެންދަން ނެގީ މަދު މިނެޓް ކޮޅެއް.”

    މިއީ އިއްޔެ މާފުށީގައި ގެނބިގެން ނިޔާވި އުމުރުން ހަތަރު އަހަރުގެ ކިޔާން އަބްދުﷲ ޚާލިދާއެކު ނެގި އެންމެ ފަހު ފޮޓޯއާއެކު ކިޔާންގެ މަންމަ، ފަރުޒާނާ ސައީދު ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި ހިތްދަތި އިހުސާސްތަކެވެ. ޖަވާބު ނުދެވި ހުރި ސުވާލުތަކުގެ ޖަވާބެވެ. އާއެކެވެ.

    ފަރުޒާނާގެ ފަސް ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި ކިޔާން އަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އެހެން ކުދިންނާއި ހިލާފަށް ވާހަކަދެއްކުމުގަ އާއި މީހުން ބުނާ އެއްޗެއް ދޭހަވުމުގައި ލަސްތަކެއް ހުރެ އެވެ. އެހެންކަމުން ފަރުޒާނާއަށް ކިޔާން އަކީ އަބަދުވެސް “ސްޕެޝަލް” ނޫނީ ހާއްސަ ކުއްޖެކެވެ. އިތުރު އަޅައިލުމާއި ލޯބި ދިނީ އެހެން ވެގެންނެވެ.

    އެގޮތުން މާފުއްޓަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ދަތުރަކީ ވެސް ކިޔާންގެ އުފަލަށް ކުރި ދަތުރެކެވެ. ކިޔާން އަކީ މޫދަށް އެރޭ ހިތްވާ ކުއްޖަކަށް ވެސް ވާތީ އެވެ. ނަމަވެސް މޫދަށް އެރި އުޅޭ އިރުވެސް އެއްވެސް ކަހަލަ ރިއެކްޝަނެއް ގެންނާކަށް ކިޔާން އަކަށް ނޭނގެ އެވެ. ލޮނު ބޮވި ނޫނީ އަޑިޔަށް ހިނގައިދާނެތީ ބަކަތަޅައި ސަލާމަތްވާން އެއްވެސް ހަރަކާތެއް ނުކޮށް، ހަމަ އޮންނަކަން މީގެ ކުރިން އޮތީ ފާހަގަ ކުރެވިފަ އެވެ. ހާއްސަކޮށް މޫދު އަޑީގައި ފައި ޖައްސާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވާނެ އެވެ.

    ކިޔާން މަރުވި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް އޭނާގެ އާއިލާ މެންބަރަކާ ހަވާލާދީ ވަން އޮންލައިން ގައި ބުނެފައިވަނީ، ކިޔާންގެ މަންމަ ފަރޫ އާއެކު އޭނާގެ ފިރިހެން ކޮއްކޮ އަދި ފަހަރި ތިބީ މާފުށީ އިރުމަތީ ފަރާތު ބީޗު ކައިރީގައި ހުންނަ ގެސްޓް ހައުސްއެއްގެ އެއްވަނަ ބުރީގައި ކަމަށެވެ.

    ހުކުރު ދުވަހުގެ ހެނދުނު ސައި ބޮއެގެން ފަރޫ ކުދިންނާއެކު ބޭރަށް ނުކުތެވެ. އމފަރޫގެ ފޭސްބުކް ޕޯސްޓުގައި ހިއްސާ ކޮށްފައިވާ، ކިޔާން އުނދޯއްޔެއްގައި ބައިންދައިގެން ނަގާފައިވާ ފޮޓޯއަކީ އެވަގުތު ނެގި ފޮޓޯއެކެވެ. އެއީ ކިޔާންއާއެކު އޭނާއަށް ނެގުނު އެންމެ ފަހު ފޮޓޯ އެވެ.

    ނަމަވެސް ހޫނު ގަދަކަމުން، ކުދީން ގޮވައިގެން ފަރޫ އެނބުރި ގެސްޓް ހައުސްއަށް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ފަރޫގެ ބޯ އަނބުރައި ބޮލުގައި ރިއްސާތީ، އޮށޯވެލުމުގެ ނިޔަތުގައެވެ. އަދި ދޮރު ތަޅު ނުލައި ބަހައްޓައިފިނަމަ ކިޔާން އަމިއްލައަށް ދޮރު ހުޅުވާތީ، ފަރޫ އޮށޯތީ ކޮޓަރީގެ ދޮރު ތަޅުލައިގެން ނެވެ.

    ނަމަވެސް ކޮޓަރި ތަޅުލައިގެން ފަރޫމެން ތިއްބާ، ޖެހިގެން ހުރި ކޮޓަރީގައި ހުރި ފަރޫގެ ދޮށީ ފިރިހެން ކުއްޖާ ފަރޫގެ ކޮޓަރިޔަށް ދިޔައީ ފޯނު ނަގަންވެގެން، ހޮޓްސްޕޮޓް ބޭނުންވެގެން. ދެން އެ ކުއްޖާ ކައިރީވެސް ފަރޫ ބުނިކަމަށްވޭ ދަރިފުޅު ކޮޓަރީން ނިކުންނަ ނަމަ ތަޅުލާފަ ދައްޗޭ، އެއީ ކޮއްކޮ ހޭލާ ހުރީމައޭ. ދެ އެދެމެދުގައި ކަންތައް ވީގޮތް ސާފެއް ނޫން. ކިޔާން ނިކުތީ ކިހިނެއް ދޮރު ހުޅުވައިގެން ކަމެއް ނޭނގެ..” ހާދިސާ ހިނގި ގޮތް އާއިލާގެ މެންބަރު ވަން އޮންލައިންއަށް ކިޔައިދިނެވެ.

    އާއިލާ މެންބަރު ބުނީ، ފަރޫގެ ދަރިފުޅު އެ ކޮޓަރިއަށް ވަދެ ނުކުތްތާ 15 ވަރަކަށް މިނެޓު ފަހުން، ޖެހިގެން ހުރި ކޮޓަރީގައި އުޅޭ ފަރޫގެ ފަހަރި ކޮޓަރީން ނުކުތް ކަމަށެވެ.

    އެ ވަގުތު ފަރޫ އުޅޭ ކޮޓަރީގެ ދޮރު ކުޑަކުޑަކޮށް ހުޅުވިފައި ހުރިތަން ފެނުމުން ވަގުތުން ކިޔާން ކޮބައިތޯ ހޯދަން ފެށި ކަމަށާއި ނަމަވެސް އޭރު ކިޔާން އޮތީ މޫދުގެ ދެ ފެން ދޭތެރޭގައެވެ.

    “އެމީހުން (ފަރޫގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ)މެން ތިބޭ ކޮޓަރީގެ ބެލްކަނީން ގެސްޓްހައުސްގެ ކުރިމަތީން މޫދު ފެންނާނެ. އޭނަ ބެލިއިރު، ކިޔާން މޫދުތެރޭ ފެންނާން އޮތް. އެހެންވެ އޭނަ ދުވެފަ ދިޔަ ގޮތަށް ގޮސް ކިޔާން ނެގީ. ފަރޫއަށް ލޯ މެރުނު ވަގުތާ ކިޔާން މޫދަށް ގޮސް އެރި އެ ހާދިސާ ހިނގުމާ ދެމެދު ވާނީ ގިނަވެގެން ފަނަރަ ނުވަތަ ވިއްސަކަށް މިނެޓު.” އާއިލާގެ މެންބަރު ބުންޏެވެ.

    ފަރޫގެ ކޮއްކޮއަކީ ކުރިން ފުލުހުންގެ ތެރޭގައި އުޅެފައިވާ މީހެއް ކަމުން ކިޔާން މޫދުން ނަގައި އެންމެ ފުރަތަމަ ދޭން ޖެހޭ ފަރުވާ ލަސް ނުކޮށް ދިނެވެ. އަދި އެވަގުތު އެތަނަށް ހުއްޓި ވޭނަކަށް އަރުވައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް އާއިލާ މެންބަރު ކިޔައިދިނެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.