ނަސްވާ ހަސަން
08 July 2019
މަޤްބޫލު ޙަބަރު

ދެހާސް ސާދަ ވަނަ އަހަރު ލުތުފީ ހުރި ތަނުގެ މައުލޫމާތު އޭރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ނަސީރަށް ލިބުނު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ، ލުތުފީ އަނބުރާ ރާޢްޖެ ގެނައުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ މަޖިލީހުގައި ތަޅުމުގައި ކުރުމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރި ތަނުގެ މައުލޫމާތު ފުލުހަށް ލިބުނު ނަމަވެސް އޭރު އޭނާ މާލެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރުގެ އިޒްނަ ނުލިބުމުން ކަމަށެވެ.

އަދި ކުރީގެ ސަރުކާރުގައި ލުތުފީ ނުގެނެވިފައި ވަނީ ކީއްވެގެންތޯ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލުތުފީ އަނބުރާ ގެނައުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ދެވުނު ކަމަށް ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އޭރު ނުވީ، އޭރުގެ ހޯމް މިނިސްޓަރުގެ އެފްރޫވަލް އެއް ނުލިބިގެން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ލުތުފީ މާލެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރަށް މުހިންމު ކަމެއް ނޫން ކަމަށް ފުލުހުންނަށް އިރުޝާދު ދީފައިވާ ކަމަށް އިމްރާން ވިދާޅުވި އެވ.

“އޭރުގެ މިނިސްޓަރު އަނގަބަހުން ކުރައްވާފައި ހުރި މުއާމަލާތްތައް ހުރި ޓީމާ އެކުގައި. އޭރުގެ މިނިސްޓަރު ވިދާޅުވިކަމަށް ވަނީ އެހާ ބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫން ކަމަށް ލުތުފީ އަނބުރާ މާލެ ގެނައުމަކީ،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރަށް ލުތުފީ އަނބުރާ ރާއްޖެ ގެނައުން މުހިންމު ކަމެއް ކަމުގައި ނުވިޔަސް، މި ސަރުކާރަށް އެއީ މުހިންމު ކަމެއް ކަމަށާއި ލުތުފީ ގެންނަން ކުރަންޖެހޭ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް އެކަނި ކަމަށާއި އެ ލިޔުން ލިބުނުހާ އަވަހަކަށް ލުތުފީ މާލެ ގެންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©