ނަސްވާ ހަސަން
08 July 2019
މަޤްބޫލު ޙަބަރު

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ފިލައިގެން ހުރިތަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެނގުމުން ވެސް ލުތުފީ ގެންނައުމަށް އިޒްނަ ނުދިންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އުމަރު އެކަމަށް ރައްދު ދެއްވައިފި އެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިމްރާން އެ ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށާއި، ލުތުފީ ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރި ވަޒީރަކީ ވެސް އޭނާ ކަމަށެވެ.

“މަޖިލީހުގައި މިނިސްޓަރު އިމްރާން، އަޅުގަނޑާ ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުތުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު،” އުމަރު ވިދާޅުވި އެވެ.

އިމްރާން އެހެން ވިދާޅުވީ މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރިތަނުގެ މައުލޫމާތު ލިބުނު ކަމަށާއި އޭނާ ގެނައުމަށް ފުލުހުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަނބުރާ ރާއްޖެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރުގެ އިޒްނަ ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

“އޭރުގެ މިނިސްޓަރު އަނގަބަހުން ކުރައްވާފައި ހުރި މުއާމަލާތްތައް ހުރި ޓީމާ އެކުގައި. އޭރުގެ މިނިސްޓަރު ވިދާޅުވިކަމަށް ވަނީ އެހާ ބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫން ކަމަށް ލުތުފީ އަނބުރާ މާލެ ގެނައުމަކީ،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރަށް ލުތުފީ އަނބުރާ ރާއްޖެ ގެނައުން މުހިންމު ކަމެއް ކަމުގައި ނުވިޔަސް، މި ސަރުކާރަށް އެއީ މުހިންމު ކަމެއް ކަމަށާއި ލުތުފީ ގެންނަން ކުރަންޖެހޭ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް އެކަނި ކަމަށާއި އެ ލިޔުން ލިބުނުހާ އަވަހަކަށް ލުތުފީ މާލެ ގެންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©