މުޙައްމަދު އަންވަރު
08 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ވައްކަމެއް ކޮށްފައި އޮތް ނަމަ އެކަން ކުރަމުން ނަމަވެސް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވި ރައީސެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝީޔާމް އެހެން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރުމަށް ކޯޓުތަކާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މިއަދުގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ޝިޔާމް ވެސް ނިސްބަތް އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތު ކޮރަޕްޝަންގެ ވައްކަންތަކެއް ހިންގާފައިވާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ނިމިގެން ދިޔަ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ކޮށްދެއްވި ކަންތައްތަކަކީ ނުކުރައްވާ ކަންތައްތަކެއް ކަމަށް މިހާރުގެ ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުންނަށް ނުބުނެވޭނެ ކަމަށެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އަޅައި ނައިފަރުގައި ފަސް ބުރިގެ ހޮސްޕިޓަލެއް އަޅައި ރާއްޖޭގެ 75 އިންސައްތަ ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ކޮށްފައިވާ ކަން ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ ތަރައްގީ އަކީ އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

“އެހެންވީމަ ރައީސް ޔާމީންގެ ވާހަކަ ދައްކާއިރު ބޮޑު ވަގެއްގެ ވާހަކަ ދެއްކުން އޯކޭ އެބޭފުޅަކަށް ހިތްހަމަޖެހުމެއް ލިބޭ ކަމަށްވަންޏާ މައްސަލައެއް ނެތް. އެހެން ނަމަވެސް ދިވެހި ރައްޔިތުންނަށް އެބަ އިނގޭ ވައްކަން ކޮށްފައި އޮވެޖެއްޔާ، ވައްކަން ކުރަމުން ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވި ރައީސެއްކަން ރައީސް ޔާމީނަކީ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި ވައްކަން ކުރާތަން. އެއީ މައްސަލަ އަކީ” ޝިޔާމް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©