Sun, 23 February, 2020, 2:37 pm
ކުރީގެ ޕޮލިިސް ކޮމިޝަނަރުން ވެސް އިމްރާންގެ ވާހަކަތައް ދޮގުކޮށްފި

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ފިލައިގެން ހުރިތަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެނގުމުން ވެސް ލުތުފީ ގެންނައުމަށް އިޒްނަ ނުދިންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، ކުރީގެ ޕޮލިސް ކޮމިޝަނަރުންވެސް ދޮގުކުރައްވައިފި އެވެ.

އިމްރާން އިއްޔެ ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރި ތަނުގެ މައުލޫމާތު ފުލުހަށް ލިބުނު ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލުތުފީ އަނބުރާ ގެނައުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ދެވުނު ކަމަށް ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އޭރު ނުވީ، އޭރުގެ ހޯމް މިނިސްޓަރުގެ އެފްރޫވަލް އެއް ނުލިބިގެން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ލުތުފީ މާލެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރަށް މުހިންމު ކަމެއް ނޫން ކަމަށް ފުލުހުންނަށް އިރުޝާދު ދީފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެން ނަމަވެސް އެވާހަކަތަށްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް، ހުސެއިން ވަހީދު އަދި އަބްދުﷲ ރިޔާޒް ވެސް ވަނީ އިމްރާންގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

2014 ވަނަ އަހަރު ސީޕީ ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް އިރެއްގައި ލުތުފީ ނުގެންނަން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި، ލުތުފީ މާލެ ގެނައުމަކީ ރައީސް އަބްދުﷲ ޔާމީން އާއި ހޯމް މިނިސްޓަރު އުމަރުގެ ވެސް ވަރަށް އިސްކަން ދެއްވި ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ. އަދި މިނިސްޓަރު އިމްރާން މަޖިލީހުގައި ދެއްކެވީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށާއި އެފަދަ އަސްލެއް ނެތް ވާހަކަތަކެއް ފެތުރުމަކީ ރައްޔިތުންނަށް އޮޅުވާލުމެއް ކަމަށް ވިދާޅުވި އެވެ. އަދި އޭރު ލުތުފީ ސިފަ ބަދަލުކޮށްގެން އުޅުނުކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެންވެސް، އުމަރުގެ ލަފަޔާ އެއްގޮތަށް އެ މައުލޫމާތު ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވާނެ ކަމަށް ހުސެން ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ވަހީދު ވިދާޅުވީ ލުތުފީ ފަދަ މީހަކު ފެނުމުން ނުވަތަ ތަނަކަށް ވަދެ އަމިއްލައަށް ހަވާލުވުމުން، ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަކޮށް ގެނައުމުން ނިމުނީ ކަމަށާއި ލުތުފީ އެނބުރި ރާއްޖެ ގެނައުމަަކީ ބަހުސް ކުރަން ޖެހޭ މައުޟޫއެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި އަހްމަދު އަރީފް، އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

އަދި ކުރީގެ ސީޕީ އަދި މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓްރީގެ ހުއްދައެއް ފުލުހުން ހޯދަން ނުޖެހޭނެ ކަމަށާއި ޤާނޫނުގައިވާ ގޮތަށް ކަން ކުރުމަކީ ފުލުހުންނަށް ލާޒިމު ކަމެއް ކަމަށެވެ.

Leave a comment

Your email address will not be published.