ނަސްވާ ހަސަން
09 July 2019
މަޤްބޫލު ޙަބަރު

ގދ. ތިނަދޫގައި އުމުރުން އަށާރަ އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ބިޔަ ފިތުރޯނު ގަހެއްގެ ބުނޑުގައި ނިދާފައި އޮތް ކަމަށް ފެންނަ ވީޑިއޯއަކީ ކުޅެފައިވާ ވީޑިއޯއެއް ކަމަށާއި އެކަން ކުރީ ޕަބްޖީ ކުޅޭތީ ބައްޕަ ފޯނު އަތުލުމުން ކަމަށް އެ ވީޑިއޯއިން ފެންނަ ކުއްޖާ އަމިއްލައަށް އިއުތިރާފު ވެއްޖެ އެވެ.

އެ ކުއްޖާ ފިތުރޯނު ގަހެއްގެ ބުޑުގައި އޮށޯވެގެން އޮންނަތަން ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯ އާންމު ކުރި ފަރާތުން ބުނެފައިވަނީ އެ ކުއްޖާއަކީ އަނިޔާކޮށް ގެއިން ނެރެލާފައިވާ ކުއްޖެއް ކަމަށެވެ. އަދި ވީޑިއޯ ކުރިއިރު ޒުވާނާ އޮތީ ނިދާފައި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

“ހަފްތާ”އަށް އެނގިފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯ އާއި ފޮޓޯތަކަކީ އެކުއްޖާ ނަމާދު ނުކޮށް އަބަދު ޕަބްޖީ ކުޅޭތީ އެކަމާ ހިތްހަމަ ނުޖެހި އޭނާގެ ފޯނު ބައްޕަ އަތުލުމުން އެކަމުގެ ރުޅީގައި ރަހްމަތްތެރިންނާއިއެކު ހެދި ފޭކް ވީޑިއޯ އެކެވެ.

ނަމަވެސް ފަހުން ޖެންޑާއާއި އެ ކުއްޖާގެ ބައްޕަގެ ކުރިމަތީގައި އެކަމަށް އެ ކުއްޖާ އަމިއްލައަށް އިއުތިރާފުވެފައިވާ ވަނީ އެނގިފަ އެވެ. ފުލުހުން ވެސް ވަނީ އެކަން “ހަފްތާ” އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާއިން “ހަފްތާ” އަށް ބުނީ، އެ މައްސަލަ ބެލި ބެލުމުގައި ޖިނާއީ މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި ކުއްޖާ ވަނީ މިހާރު ބައްޕައާއިއެކު ގެއަށް ގޮސްފައި ކަމަށް ފުލުހުން ބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©