ނަސްވާ ހަސަން
09 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑރިންގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިއީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެކެވެ. ދައުލަތުގެ ދައުވާގައި ވަނީ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާ ކުރުމަށް ފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށެވެ.

އޭޕްރީލް 25، މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވާއިރު، އެ ދުވަހު ދައުލަތުން ވަނީ އެމަނިކުފާނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް ހުށަހަޅާފައެވެ.

އެންމެފަހުގެ އަޑުއެހުން ނިންމާލީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ފުރުސަތު ދިނުމަށްފަހުގަ އެވެ.

ފެބްރުއަރީމަހު، ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ފަހުން ބާތިލުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©