މުޙައްމަދު އީމާން
09 July 2019
މަޤްބޫލު ޙަބަރު

އެތައް ދިވެހިންނެއް ޝަހީދުކޮށްލުމަށްފަހު ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާގީ ލުތުފީ) އަނބުރާ ރާއްޖެ ގެނެސްފި އެވެ.

މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވި ލުތުފީ، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ރާއްޖެ ގެނެސްފައި މިވަނީ، ނުވަ އަހަރާއި ހަ މަހާއި 23 ދުވަހު ފިލައިގެން އުޅުމަށްފަހު އެވެ.

ލުތުފީ ރާއްޖެ ގެނެސްފައިވަނީ، ލަންކާގެ ކޮލަމްބޯއިން ފުރައިގެން މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާދި ދެންމެއަކު ޖެއްސި އެމިރޭޓްސް ފްލައިޓް އީކޭ653 ފްލައިޓުންނެވެ.

ފުލުހުން ބުނާގޮތުގައި، ލުތުފީ އެންމެ ފުރަތަމަ ގެންނާނީ މާލެ އެވެ. އޭނާ މާލެ ގެނެސް، ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ހަމަ މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދު ކޮށްލި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރި އެވެ.

އަދި އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް 2010 ޖަނަވަރީ 16 ވަނަ ދުވަހު އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ލުތުފީ ފުރުވާލި އެވެ. އަދި މިއީ އެ ފަހުން އޭނާ ރާއްޖެ ގެނެވުނު ފުރަތަމަ ފަހަރެވެ.

Leave a Reply

Your email address will not be published.

haftha.mv ©