މުޙައްމަދު އިބްރާހިމް
09 July 2019
މަޤްބޫލު ޙަބަރު

ދިވެހި ތާރީހުގައި މިރޭ މިއީ ފާހަގަކޮށްލެވޭނެ ރެ އެކެވެ. އެތައް ދިވެހިންނެއް ދެކެން ބޭނުންވި ދުވަހެކެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ނޮވެމްބަރު 3، 1988 މާލެ އަރައި، އެތައް ދިވެހިންނެއް ޝަހީދު ކޮށްލުމުގެ އަޑީގައި ހުރި ބޮޑު ޙާއިން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާގީ ލުތުފީ) ރާއްޖެ ގެނައުމެވެ.

ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު މާލެ އަރައި ޝަހީދު ކޮށްލި ދިވެހިންގެ ލޭ އޮހޮރުވާލި ފަސްގަނޑަށް އޭނާ އަނބުރާ އެހެރީ ގެނެސްފަ އެވެ.

ބޭސްފަރުވާއަކަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ނުވަ އަހަރާއި ހަ މަހާއި 23 ދުވަހު ފިލައިގެން އުޅުމަށްފަހު އޭނާ ރާއްޖެ ގެނައީ މިރޭ 9:31 ހާއިރު އެވެ. ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ ރާއްޖެ ގެނެސްފައިވަނީ ލަންކާގެ ކޮލަމްބޯއިން ފުރައިގެން މާލެ އައި އެމިރޭޓްސްގެ EK653 ފްލައިޓުގަ އެވެ.

ލުތުފީ ރާއްޖެ ގެނެސްފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުން، ލަންކާއަށް ގޮސް އެގައުމުގައި ފިލައިގެން އުޅުމަށްފަހު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވުމުން ނެވެ. އެއީ މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެން ނެވެ.

ނަމަވެސް ލުތުފީ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވިކަން ދިވެހި ސަރުކާރުން ހާމަކުރީ އޭގެ 54 ދުވަސް ފަހުންނެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެމްބަސީގައި ލުތުފީ އަށް ދެމުންދިޔައީ ވީއައިޕީ ހިދުމަތްތަކެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. ނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ލުތުފީ ރާއްޖެ ގެންނަން ލަސްވެފައި ވަނީ ލަންކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަތައް ނުލިބިގެން ކަމަށާއި ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މޫނު މަތީން ހާސްކަމެއް ނެތް، ހިނުތުންވެފައި

ލުތުފީ މިރޭ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން އިއުލާން ކުރުމާއެކު އެ ވަގުތަކަށް އެތައް ދިވެހިންނެއް ތިބީ ކެތް މަދުވެފަ އެވެ. މުޅި ގައުމާއެކު މީޑިއާތައް ވެސް ވަގުތުން އެލާޓަށް އައެވެ. ތާރީހީ ދުވަހެއް ކަމުން، ފޮޓޯ އާއި ވީޑިއޯ ނެގުމަށް އެތައް ބަޔަކު އެއާޕޯޓް ކައިރިއަށް އެއްވި އެވެ. އެއީ އެކަމުގެ ފުރުސަތު ފުލުހުން ވެސް ދިނުމުންނެވެ.

ލުތުފީ ޓާމިނަލަށް ނެރުނީ އެހެން ފަސިންޖަރުން ވެސް ނުކުންނަ އެރައިވަލް ގޭޓުންނެވެ. އެހެން ގައުމުތަކުގައި ބޮޑެތި ކުށްވެރިން ގެންނައިރު ބިނޑި އަޅުވައި، އެކަމަށް ހާއްސަ ސިފައިނެއް އޭނާގެ ކައިރިއަކު ނެތެވެ. ތިބީ ކުލަ ހެދުމުގައި ތިބި ގާތްގަނޑަކަށް ހަ ވަރަކަށް އޮފިސަރުން ނެވެ. ލުތުފީ ގޮސް ފުލުހުންގެ ވެހިކަލަށް އެރީ ވެސް މަޑު ހިނގުމެއްގައި ހިނގާލައިފަ އެވެ. މުސްކުޅިވެ ގައިބާރު ދެރައެކޭ ނުބުނެވޭނެ އެވެ.

ހަށިގަނޑުގެ ރޫފަ ރަނގަޅުކޮށް ހުރި ލުތުފީ ލައިގެން އަޅި ކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖިންސެކެވެ. އާދައިގެ ފައިވަނަކަށް އަރައިގެން ސްކޫލް ދަބަހެއް އަޅުވައިގެން ނެވެ. ބޮލުގައި ތޮއްޕެއް އަޅައިގެން ހުރިއިރު، ކަންފަތުގައި އަވިއައިނެއް އެލުވާލައިފައި އޮތެވެ.

ނަމަވެސް 19 ދިވެހީންގެ ލޭ އޮހުރުވާލި ފަސްގަނޑަށް އެރުމުން ވެސް ލުތުފީގެ މޫނު މައްޗަކުން ހާސް ކަމެއް ނުފެނެ އެވެ. ހިތާމަވެރި ކަމެއް ނެތެވެ. ފެނުނީ ހިނިތުންވެފަ އެވެ. ސިފަ ކުރެވުނީ މަޝްހޫރު ތަރިއެއް ރާއްޖެ އައިސްގެން އުޅޭ ކަހަލަ މަންޒަރެކެވެ. ބައެއް އިދިކޮޅު ފަރާތްތަކުން އެއީ ލުތުފީ ނޫން ކަމަށާއި އޭނާގެ ޑީއެންއޭ ހަދަންޖެހޭ ކަމަށް ވެސް ބުންޏެވެ.

ލުތުފީ ޓާމިނަލުން ނެރެގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު އެ ސަރަހައްދުގައި ތިބި އާންމުން ވަނީ ލުތުފީއާމެދު ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ “ދާން ޖެހޭނީ ސީދާ ގޮޅިއަށް” ކަމަށް ގޮވާލިއިރު، އޭނާއާ ދިމާލަށް “ބާޣީ”އަށް ވެސް ބައެއް އާންމުން ގޮވިއެވެ.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ސީދާ ޖަލަށް

ލުތުފީ މިރޭ ރާއްޖެ ގެނެސްފައިވާއިރު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ބިނާކޮށްފައިވާ ފުލުހުންގެ މައި އިމާރާތަށެވެ. އެއީ ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި، ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އޭނާ ހަވާލުކުރާނެ އެވެ. އަދި ގެންދާނީ ސީދާ ޖަލަށެވެ.

ލުތުފީ މިރޭ ޖަލަށް ގެންދާއިރު، އޭނާ އިސްވެ ހުރެ ރާއްޖެއަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ފުރަތަމަ އިއްވީ މަރުގެ ހުކުމެކެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރި އެވެ. އެއީ 25 އަހަރެވެ.

އެހެންކަމުން ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އިމްރާން މަޖިލީހަށް ހާޒިރުވެ ވިދާޅުވެފައި ވަނީ ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށެވެ. އެއަށްފަހު އޭނާ މިނިވަންވާނެ އެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ ފިލައިގެން ދިޔަ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©