މުޙައްމަދު އަންވަރު
09 July 2019
މަޤްބޫލު ޙަބަރު

ފިލައިގެން ދިޔަ ފަހުން އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރަކަށް ނުގެނެވުނު، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައިސްފައިވަނީ ޝެއިހް އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އަބްދުﷲ ލުތުފީ މާލެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހުއްދަ ނުލިބިގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ވަނީ ދޮގުކުރައްވާފަ އެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރިތަނުގެ މައުލޫމާތު ދިނުމުން އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތަކެއް ދިވެހި ފުލުހުން ކުރި ކަމަށާއި، ނަމަވެސް ލުތުފީ އަނބުރާ މާލެ ނުގެނެވުނީ އުމަރުގެ ހުއްދަ ނުލިބިގެން ކަމަށެވެ.

ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ތިން ބޭފުޅުންކަމަށްވާ އަހްމަދު އަރީފް އާއި ހުސެއިން ވަހީދު އަދި އަބްދުﷲ ރިޔާޒް ވެސް ވަނީ އިމްރާންގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔަ އިރު ލުތުފީ ރާއްޖެ ގެނެވިފައެއް ނުވާ ކަމަށެވެ.

“އެކަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ކަމުގައި އިމްރާން އަބްދުﷲގެ ހޯމް މިނިސްޓަރުކަމުގައި މުހައްމަދު ހަމީދުގެ ސީޕީ ކަމުގައި،” ނަޝީދު ވިދާޅުވި އެވެ.

ލުތުފީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ އަމިއްލައަށް ސަރުކާރާ ހަވާލުވި ފަހުން މަހަކަށް ވުރެ ދުވަސް ވީއިރުވެސް އެކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަން ފަޅާއަރުވައިލީ ވެސް އުމަރެވެ.

ލުތުފީ މިރޭ މާލެ ގެނައިސްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ކަރެކްޝަނާއި ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©