Sun, 7 June, 2020, 2:05 pm
ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ ގިނަ މުވައްޒަފުންތަކެއް ޝާމިލުވޭ!
18

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމުން ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން ނެތް ކަމަކަށް އެ ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯޢެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވި ބީއެމްއެލްގެ 38 މުވައްޒަފަކު އައިޑެންޓިފައި ކުރެވި އެ މީހުންގެ ބަޔާން ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރަމުން ދިޔައީ ބޭންކުން އަމަލުކުރަމުން އަންނަ އުސޫލާ ޚިލާފަށް ކަމަށާއި އެގޮތުން އެންޑޯޒްމަންޓް ފުރިހަމަ ނުވަނީސް ގިނަ ޗެކްތަކެއް އެސްއޯޢެސްގެ އެކައުންޓްތަކަށް ޖަމާކޮށްދީފައިވާ ކަމަށް މުއައްވިޒު އިއްޔެ ކޮމެޓީގައި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލް ބައިވެރިވަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެ ތަހުގީގުގައި ވަކި ލެވެލް އަކަށް އަމާޒުކުރުމުގެ ބަދަލުގައި ހުރިހާ ފަންތިއަކަށް އަމާޒު ކުރާނެ ކަމަށެވެ.

ރައްޔިތުންގެ ބޭންކުގެ ގޮތުގައި ޕްރޮމޯޓް ކުރާ ބީއެމްއެލްގެ މުވައްޒަފުންތަކެއް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް އޭސީސީ ބުނާއިރު، އެ މައްސަލާގައި ބީއެމްއެލް އިން ވަނީ އެ ކުންފުނީގެ މުވައްޒަފުން ދިފާއު ކޮށްފަ އެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެ ބޭންކުގެ އެއްވެސް މުވައްޒަފެއްގެ ދައުރެއް ނޯންނާނެ ކަމަށާއި ބޭންކުން އަމަލުކުރަމުން އަންނަ އުސޫލްތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދާ ޚިލާފަށް އެ ބޭންކުން އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

Leave a comment

Your email address will not be published.