މުޙައްމަދު އަންވަރު
10 July 2019
މަޤްބޫލު ޙަބަރު

ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅިގެން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.

އެގޮތުން އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލުތުފީ ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާއަރުވާލައި، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރި މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އެއް އަންނަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

އެ ޖަލްސާގެ އިންތިޒާމްތައް ކުރަމުން އަންނަ އިރު ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެރޭ 9:00 ގައި ކަމަށް އުމަރު ވިދާޅުވި އެވެ.

ބޭސްފަރުވާއަކަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ނުވަ އަހަރާއި ހަ މަހާއި 23 ދުވަހު ފިލައިގެން އުޅުމަށްފަހު އޭނާ ރާއްޖެ ގެނައީ ރޭ 9:31 ހާއިރު އެވެ.

ލުތުފީ ރާއްޖެ ގެނެސްފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުން، ލަންކާއަށް ގޮސް އެގައުމުގައި ފިލައިގެން އުޅުމަށްފަހު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވުމުން ނެވެ. އެއީ މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެން ނެވެ.

ނަމަވެސް ލުތުފީ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވިކަން ދިވެހި ސަރުކާރުން ހާމަކުރީ އޭގެ 54 ދުވަސް ފަހުންނެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެމްބަސީގައި ލުތުފީ އަށް ދެމުންދިޔައީ ވީއައިޕީ ހިދުމަތްތަކެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. ނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ލުތުފީ ރާއްޖެ ގެންނަން ލަސްވެފައި ވަނީ ލަންކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަތައް ނުލިބިގެން ކަމަށާއި ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©