މުޙައްމަދު އަންވަރު
10 July 2019
މަޤްބޫލު ޙަބަރު

ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް މީގެ ކުރީގެ ހޯމް މިނިސްޓަރުންނާއި ފުލުހުންގެ އިސްވެރިން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެހެން ބުނެފައިވަމީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ލުތުފީއާ ގުޅޭގޮތުން ސުވާލުކުރުމުން، ދެއްކެވި ވާހަކަތަކަކީ ފުލުހުން ދިން ދޮގު މައުލޫމާތުގެ ސަބަބުން ދެއްކެވި ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން މިނިސްޓަރު އިމްރާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލަށް ޖަވާބުދެއްވަމުން، ދައްކަވާފައިވާ ވާހަކަތައް ބިނާކޮށްފައި ވަނީ ފުލުހުންގެ އިދާރާއިން ފޯރުކޮށްދިން ރެކޯޑުތަކުގެ މައްޗަށް ކަމަށެވެ.

“ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެ މަސައްކަތްތަކާ ގުޅޭގޮތުން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް ސާވިސް އިން އަރުވާފައިވާ މައުލޫމާތާ އެއްގޮތަށް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާފައިވާ ވާހަކަފުޅުތަކެކެވެ،” ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ލުތުފީ ފިލި ފަހުން ފުލުހުންގެ އިސް މަގާމުތަކާއި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވެސް ގިނަ ފަރާތްތަކެއް އަދާކުރައްވައިފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެ ފަރާތްތަކުން ލުތުފީ ހޯދަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑުތަކާއި އެ މަސައްކަތްތަކާ ގުޅޭގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިންގަމުން ދިޔަ ޑިޕާޓްމަންޓުތަކުގައި ލޮގް ކޮށް ރައްކާކުރެވިފައި އެބަހުރި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ލުތުފީ ރާއްޖެ ގެނެސްފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުން، ލަންކާއަށް ގޮސް އެގައުމުގައި ފިލައިގެން އުޅުމަށްފަހު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވުމުން ނެވެ. އެއީ މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެން ނެވެ.

ނަމަވެސް ލުތުފީ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވިކަން ދިވެހި ސަރުކާރުން ހާމަކުރީ އޭގެ 54 ދުވަސް ފަހުންނެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©