މުޙައްމަދު އިބްރާހިމް
10 July 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރުމުން، އެކަން ބީއެމްއެލް އިން ކުށްވެރި ކޮށްފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ، އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވި ބީއެމްއެލްގެ 38 މުވައްޒަފަކު އައިޑެންޓިފައި ކުރެވި އެ މީހުންގެ ބަޔާން ނަގަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރަމުން ދިޔައީ ބޭންކުން އަމަލުކުރަމުން އަންނަ އުސޫލާ ޚިލާފަށް ކަމަށާއި އެގޮތުން އެންޑޯޒްމަންޓް ފުރިހަމަ ނުވަނީސް ގިނަ ޗެކްތަކެއް އެސްއޯޢެސްގެ އެކައުންޓްތަކަށް ޖަމާކޮށްދީފައިވާ ކަމަށް މުއައްވިޒު އިއްޔެ ކޮމެޓީގައި ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވާ ބީއެމްއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުންޏާއި މުވައްޒަފުން ދިފާއު ކޮށްފަ އެވެ.

އެގޮތުން، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ބޭންކުން ހެދި އިންޓާނަލް އޮޑިޓުންނާއި އެހެނިހެން އޮޑިޓްތަކަށްފަހު ބޭންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން ޔަގީން ވެފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާވަތެއްގެ އަމަލެއްގައި ބޭންކުގެ މުވައްޒަފުން ޝާމިލްވާކަމަށް އަދި ކުރި އެއްވެސް އޮޑިޓަކުން ބޭންކުން މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމަކަށް ވެސް ފާހަގަކޮށްފައި ނެތް ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، ފުރިހަމަ ނުވާ ތަހުގީގާ ގުޅޭގޮތުން އިއްޔެ އޭސީސީން އާންމުކުރި މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޭންކގެ މުވައްޒަފުންތަކެއް ޝާމިލްވެފައިވާކަމަށް ދޭހަވާ ގޮތަށް ބުނެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

“މިކަމުގައި (ހިޔާނާތުގައި) މި ބޭންކުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، އަދި ތަހުގީގު ކުރިއަށް ދަނިކޮށް މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން، މި ބޭންކުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.،” އޭސީސީގެ ތުހުމަތު ދޮގުކޮށް ބީއެމްއެލްއިން ބުނެފައިވެ އެވެ.

އަދި ބުނީ، އެފަދަ ހަގީގަތާ ހިލާފު ވާހަކަތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލްއަގްވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާޢި ވިޔަފާރީގެ މުއާމަލާތްތައް ކުރާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

އެހެންކަމުން ބީއެމްއެލްގެ އެދުމަކީ ހިޔާނާތުގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމައި، މި ބޭންކުގެ ބައިވެރިވުން އެ ހިޔާނާތުގައިވާ ކަމަށް ދެކެވޭ ވާހަކައަށް ނިމުމެއް އައުން ކަމަށް ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©