Sat, 6 June, 2020, 4:09 pm
Photo: Avas
ބާނާ މަހަށް ހަަމަ އަގު ހޯދޭނީ ކޫއްޑޫގައި ކޭނިން ފެކްޓަރީއެއް ގާއިމްކޮށްގެން: ސައުދު
28

ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނީ، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕުލެކްސްގައި މަސް ބަންދު ކުރެވޭނެ ފެކްޓަރީއެއް ގާއިމްކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ސައުދު މިހެން ވިދާޅުވިއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ދާދި ފަހުން ވަނީ ފެލިވަރުގައި މަސް ބަންދުކުރުމުގެ ކެޕޭސިޓީ ކުޑަވުމުން، މަސްވެރިން އަތުން ގަންނަ މަސް ގަނޑުކޮށްފައި ތައިލެންޑަށް ނުއަގުގައި ވިއްކާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ދެވެން އޮތީ މަސްވެރިން ބާނާ ހުރިހާ މަހެއް ރާއްޖޭގައި ބަންދު ކޮށްގެން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރެވިއްޖެނަމަ މިފްކޯއަށް ބޮޑެތި ފައިދާތަކެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން “ހަފްތާ”އަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނީ ދަޅުގައި މަސް ބަންދުކޮށްގެން ކަން އެންމެންނަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ނަގަންޖެހޭ ޑިޒިޝަން ނަގަން ފަސްޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި ދަޅުގައި މަސް ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ މިފްކޯ އިން ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕުލެކްސްގައި ކޭނިން ފެކްޓަރީއެއް ގާއިމް ކުރުމެވެ.

އެކަން ކުރަންޖެހޭ ސަބަބުތައް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކޫއްޑޫ ކާރުހާނާއަކީ ރާއްޖޭގެ މަސްވެރިން އެންމެ ގިނައިން މަސް ކިރުވާ އެއް ތަނެވެ. ދުވާލަކު އެވްރެޖްކޮށް 150 ޓަނުގެ މަސް އެ ކާރުހާނާއަށް ކިރުވާއިރު މަސްވެރިކަން ރަނގަޅުވާ މޫސުންތަކުގައި 200 ޓަނަށް ވުރެ ގިނައިން އެތަނަށް މަސް ކިރުވަ އެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރުމުގެ އެންމެ ބޮޑު ރަށަކީ ވެސް ކޫއްޑޫ ކަން ސައުދު ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިން އަތުން މަސް ގަތުމަށްފަހު ގަނޑުކޮށްފައި، އަހަރަކު ގާތްގަނޑަކަށް 20000 ޓަނުގެ މަސް ކޫއްޑޫއިން ޑައިރެކްޓްކޮށް ތައިލެންޑަށް އެކްސްޕޯޓް ކުރާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު އިތުރަށް ވިދާޅުވީ، މިވަގުތު މަސް ބަންދުކުރުމުގެ މަސައްކަތްތައް ހަމައެކަނި ކުރިއަށް ގެންދާ ފެލިވަރަށް ވެސް އެންމެ ގިނަ އަދަދަކަށް މަސް ފޮނުވަނީ ކޫއްޑޫ ސައިޓުން ނެވެ.

ނަމަވެސް ކޫއްޑޫގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް ގާއިމްކޮށްފިނަމަ، މަސްވެރިން އަތުން ގަންނަ މަސް ތާޒާ ކަމާއެކު ދަޅުގައި ބަންދު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ކޮންމެ ސަރުކާރަކުން ވެސް ބުނަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނީ ބަލްކުކޮށް ނުއަގުގައި މަސް ބޭރަށް ވިއްކުމުގެ ބަދަލުގައި ދަޅުގައި މަސް ބަންދުކުރާ މިންވަރު އިތުރު ކުރަންޖެހޭ ކަމަށް. ނަމަވެސް އެއްވެސް ސަރުކާރަކުން އެކަން ކުރާކަށް ނުކެރޭ. އެހެންކަމުން މިހާރުން މިހާރަށް ވެސް ކޫއްޑޫގައި ކޭނިން ފެކްޓަރީއެއް އަޅަންޖެހޭ،” ސައުދު ވިދާޅުވި އެވެ.

Leave a comment

Your email address will not be published.