މުޙައްމަދު އިބްރާހިމް
12 July 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބް ފައިސަލް ނަސީމް ގދ. ތިނަދޫއަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް އާއި ނައިބް ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ “ޖަޒީރާ ހޮޅުއަށި” ގައި ބައިވެރިވެވަޑައި ގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ތިނަދޫގައި މިރޭ 9:30 ގައި ބާއްވާ ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ އެ ސިލްސިލާގެ ތިން ވަނަ ބައްދަލުވުމެވެ. އަދި މިއީ އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށި ޕްރޮގަރާމެވެ.

މިރޭގެ ބައްދަލުވުމުގައި ސަރުކާރުގެ މަސްވެރިކަމާގުޅޭ ސިޔާސަތުގެ ދަށުން ” މަސްވެރިކަމުގެ ނަފާއިތުރުކުރުން” މި މައުޟޫގެ މައްޗަށް މަޝްވަރާ ކުރަން ހަމަޖެހިފައިވާއިރު، ޖަޒީރާ ހޮޅުއަށީގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވާނެ އެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސަރުކާރުގެ ތަސަައްވުރާއި ވިސްނުން ހުރިގޮތް މި ބައްދަލުވުމުގައި ހިއްސާކުރެވޭނެ އެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވާރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ވެސް ބައިވެރިވާ މި ދަތުރުފުޅުގައި ރައީސް އާއި ނައިބް ރައީސް މިއަދު ވަނީ ތިނަދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ތިނަދޫއަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާ ގުޅޭގޮތުން ކައުންސިލާއި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަނީ އޮޅުން ފިލުއްވައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©