މުޙައްމަދު އީމާން
12 July 2019
މަޤްބޫލު ޙަބަރު

ޑީއާރުޕީގެ ލީޑާޝިޕާ ޖާބިރު ގުޅިވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ އަބުދުﷲ ޖާބިރު، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑާޝިޕަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ނަވާރަ ރައްޔިތުންގެ މަޖިލީހަށް މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވި ޖާބިރު ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވީ، ޑީއާރުޕީއާ ގުޅިވަޑައިގަތުމަށް ނިންމެވީ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރުމުގެ ދަތިތަކެއް ހުރުމުން ކަމަށެވެ.

އަދި އޭނާއަކީ ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އެތައް ދުވަހެއް ވާންދެން ހުންނެވި އަދި އެޕާޓީ އެންމެ ދަތިކޮށް އޮއްވާ ވެސް ބޮޑެތި ހަރަދުތަކަކާއި އެހީތަކެއް ވެދިން މެންބަރެއް ނަމަވެސް، އެކަން އެޕާޓީން ބަލައި ނުގަތް ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ.

ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވަން ނިންމެވިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެ ޕާޓީއަށް އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

ޖާބިރު ވިދާޅުވީ، ޑީއާރުޕީގެ އަސާސީ ގަވައިދާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޑީއާރުޕީގެ އޮޕަރޭޭޝަންތައް ހިނގައިގަނެ، ހަރުގެ އާއި އޮފީސް ގާއިމްކޮށް އެޕާޓީއަށް 10000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް މީޑިއާތަކަށް ވިދާޅުވީ، އެޕާޓީއާ ޖާބިރު ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ޖާބިރުފަދަ ސިޔާސީ ތަޖުރިބާ ހުރި އަދި ވިޔަފާރީގައި ވެސް ކާމިޔާބު ބޭފުޅަކު ޕާޓީގެ ލީޑަޝިޕާ ގުޅުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަތުމުން، އެޕާޓީގެ ޕީޖީ ލީޑަރަކަށް ވެވަޑައިގަންނަވާނީ ވެސް ޖާބިރު ކަމަށާއި ޕާޓީ ހިންގުމުގައި ވެސް އިސްކޮށް އުޅުއްވާނީ ވެސް އޭނާ ކަމަށް ކާނަލް ވިދާޅުވި އެވެ.

ކާނަލް އިތުރަށް ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ޑީއާރުޕީގެ އަހަރީ ދުވަހުގައި ޖާބިރާއެކު ރައްޔިތުން މަޖިލީހުގެ އިތުރު ދެ މެންބަރަކު ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މެންބަރުންކަމެއް ވިދާޅެއް ނުވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. އަދި ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ.

Leave a Reply

Your email address will not be published.

haftha.mv ©