މުޙައްމަދު އީމާން
12 July 2019
މަޤްބޫލު ޙަބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަކީ މިހާތަނަށް ދުށް އެންމެ އަނިޔާވެރި އަދި ކޮރަޕްޓް ސަރުކާރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ވިދާޅުވީ، މިއަދު މިއޮތް ސަރުކާރު ވެރިކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެކޭ ކަމަށް ވިދާޅުވެ އިންސާފު ހޯއްދަވައިދެއްވުމަށް ކަމަށެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެން މިވީ އަށް މަސް ދުވަހުގެ ތެރޭގައި ކަންތައްތައް ކުރައްވަމުން ގެންދެވި ގޮތުން މިއީ ދިވެހި ތާރީހު ދުށް އެންމެ އަނިޔާވެރި ސަރުކާރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން މިހާތަނަށް ކުރެވުނު ކަމެއް ނެތްކަމަށް ވިދާޅުވެ އަދުރޭ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވި އެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ތާރީހް ދުށް އެންމެ އަނިޔާވެރި ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދުގެ މި ސަރުކާރު. މިއަށްވުރެ ބޭ އިންސާފުން ކަންތައްކުރާ ސަރުކާރެއް ވެސް ރާއްޖެ ދެކިފައެއް ނެތް. މިއަށްވުރެ ވަރުގަދަ އަށް އާއިލީ ވެރިކަމެއް ކުރައްވަން އުޅޭ ވެރިއަކު ވެސް ނުފެނޭ. ނަހަމަ ގޮތުގައި ކަންތައް ހިންގި ސަރުކާރެއް ނެތް. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަސައްކަތްކުރާ ސަރުކާރެއް ވެސް މިއަށްވުރެ ބޮޑަށް ފެނިފައެއް ނެތް،” އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވި ކަމެއް ނެތްއިރު، އެބޭފުޅުންގެ ބޭފުޅުންނަށް ނިސްބަތްވާ ކުންފުނިތަކަށް ބަދަލު ދިނުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި ބަޖެޓު ދަނީ ހުސްވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ވެސް އަދުރޭ ވަނީ ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީއާ ތައާރަޒުވާ ގޮތަށް ބޮޑެތި ބާރުތަކެއް ދީފައިވާ އެ ކޮމިޝަނަކީ އިދިކޮޅުން ގަބޫލުކުރާ ކޮމިޝަނެއް ނޫން ކަމަށެވެ.

އެގޮތުން އެ ކޮމިޝަންގައި ރައީސް ސޯލިހު އައްޔަންކުރެއްވި މެންބަރުންނަކީ އެމްޑީޕީ ވެރިކަމަށް ގެންނަން ނުވަތަ އެމްޑީޕީ އިދިކޮޅުގައި ތިއްބެވިއިރު މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވި ނުވަތަ އެމްޑީޕީގެ ބޭފުޅުންގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރެވި ބޭފުޅުން ކަމުން، އެ ކޮމިޝަނުން ބަލާ މައްސަލަތައް އިންސާފުވެރިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދި  އެއް ދުވަހުގެ ތެރޭގައި މަރުގެ ކަންތައް ހިނގާފައިވާ ގޮތް ކިޔައިދޭނެ ކަމަށް ވިދާޅުވި ބޭފުޅުންނަށް ރިޕޯޓެއް އެކުލަވާލެވުނީ އެތައް ދުވަހެއް ވީ ފަހުންކަން ފާހަގަކުރައްވާ އަދުރޭ ވަނީ، ކޮމިޝަންގެ ރިޕޯޓު އާންމުކުރާނީ ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށްފަހު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާތީ އެކަން ލަސް ނުކުރެއްވުމަށް ގޮވާލައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©