ނަސްވާ ހަސަން
13 July 2019
މަޤްބޫލު ޙަބަރު

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މިއަހަރު ނިމުމުގެ ކުރިން އެތަނަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި ރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މަސްވެރިންނާއި މުހާތަބުކޮށް ގިނަ ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެގޮތުން މި ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ މިފްކޯއަށް ހަރުދަނާ ބޮޑެތި ބަދަލުތަކެއް ގެނެސް މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ކަމަށެވެ.

ރާއްޖޭގެ މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަކީ ގަނޑުކުރި ރޯމަހުގެ ގޮތުގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ ބަދަލުގައި ރާއްޖޭގައި އުފައްދާ ދަޅުމަސް އިތުރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިހާރު މިފްކޯއިން ހިންގާ ރަށްތަކުގެ ތެރެއިން ހަމައެކަނި ފެލިވަރަށް ފައިދާ ވަނީ މަސް ބަންދުކޮށް ބޭރު ކުރެވޭތީ ކަމަށާ، ކޫއްޑޫއާއި އައްޑުއާއި ކަނޑުއޮށްގިރިވެސް މިވަގުތު ހިނގަނީ ގެއްލުމުގައިކަމަށެވެ. އެހެންކަމުން ފެލިވަރަށްދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސްވެރިން ކިރާ މަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަހަރެއްގެ މައްޗަށް ދިވެހި މަސްވެރިން ބާނާ މަހުގެ ތެރެއިން މިފްކޯއަށް ގަނެވެނީ 42،000 ޓަނުގެ މަސް ކަމަށެވެ. އަދި މަހަށް ބޮޑު އަގު ލިބެނީ ދަޅުގައި ބަންދުކޮށްގެން ވިއްކުމުންނެވެ. އެގޮތުން މަހުގެ ބާވަތްތަކުން ލިބޭ ނަފާ މަދުވަނީ ދަޅުގައި ބަންދުކުރެވެނީ 28 ނުވަތަ 30 އިންސައްތަ މަސްކަމަށްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާވަކީ، މަސްވެރިން ބާނާ މަސް ކިރުވޭނެ އިންތިޒާމް މިހާރު އޮންނަގޮތް ޙައްލުކޮށް، ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ނުވަތަ ކޮންމެ ރަށަކުންވެސް މަސް ގަނެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ.

އަދި މިފްކޯއަކީ ގެއްލުންނުވެ ހިނގާ ތަނެއްގެ ގޮތުގައި ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށެވެ. އެމަސައްކަތް މިހާރު ފަށާފައިވާއިރު، އަހަރު ނިމުމުގެކުރިން މިފްކޯއަކީ ގެއްލުންނުވެ ހިންގޭތަނަކަށް ބަދަލުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©