މުޙައްމަދު އަންވަރު
14 July 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި އަލަށް އުފެއްދި ބާ ކައުންސިލަށް އިންތިހާބްވެވަޑައިގަތް ފަރާތްތަކަށް ރައީސް މަރުހަބާ ދަންނަވައި ގާނޫނީ ދާއިރާގެ ކުރިއެރުވުމަށް ބާ ކައުންސިލް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ، ގާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ބާ ކައުންސިލަށް އިންތިހާބްވެވަޑައިގަތް ފަރާތްތަކަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގަ އެވެ.

ބާ ކައުންސިލްގެ ފުރަތަމަ ރައީސަކަށް އިންތިހާބްވެވަޑައިގަތް މައުމޫން ހަމީދާއި ކައުންސިލްގެ އެހެނިހެން މަގާމްތަކަށް އިންތިހާބްވެވަޑައިގަތް މެންބަރުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

“އަދި ރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،” ރައީސްގެ ޓްވީޓްގައި ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ އިންތިހާބްގައި ރައީސްގެ މަގާމަށް އިންތިހާބްވެވަޑައިގަތީ މައުމޫން ހަމީދު އެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު ހުސްނުއްސުއޫދުއަށް ލިބިވަޑައިގަތީ 401 ވޯޓެވެ.

ނައިބް ރައީސްއަކަށް އިންތިހާބްވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ. ނައިބް ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމަށް ލިބިވަޑައިގަތީ 139 ވޯޓެވެ.

Leave a Reply

Your email address will not be published.

haftha.mv ©