ނަސްވާ ހަސަން
14 July 2019
މަޤްބޫލު ޙަބަރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމަށް، ގދ. ދާންދޫ، ކާމިނީގެ، އަހުމަދު މުޖާހިދު އައްޔަން ކުރައްވައިފި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޓީވީއެމްގެ ބައެއް ޝޯތައް ޕްރެޒެންޓް ކުރައްވާ މުޖާހިދަކީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި ތައުލީމީ ދާއިރާގެ ގިނަ އިސް މަގާމުތަކެއް އޭނާ ފުރުއްވާފައިވެ އެވެ.
އެގޮތުން އޭނާ އެންމެ ފަހުން ހުންނެވީ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމުގަ އެވެ. އަދި އޭގެ ކުރިން އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި އެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި ވެސް މުޖާހިދު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމާއެކު، ކޮމްޕެނީ ރެޖިސްޓްރާ ކަމުގައި ހުންނެވި މަރިޔަމް ވިސާމްއާއެކު އެ މިނިސްޓްރީގެ ނައިބުންގެ އަދަދު ފަހަކަށް އަރާނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©