ނަސްވާ ހަސަން
14 July 2019
މަޤްބޫލު ޙަބަރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ދަރިވަރުންތަކެއް ބުލީކުރަނިކޮށް އާންމުވެފައިވަނީ، ސްކޫލުން ބުލީ ކުރުމާ ދެކޮޅަށް ހަދާފައިވާ ވީޑިއޯއެއް ނޫން ކަމަށާއި ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯގައިި އެ ސުކޫލުގެ ދަރިވަރަކު ކުއްޖަކާ ދިމާކޮށް، ގޮނޑިން ވައްޓާލައެވެ. އަދި އެކަމާއި ގުޅިގެން ސުކޫލުގެ ބެލެވެރިން ބުނީ، އެއީ ސްކޫލުން ބުލީ ކުރުމާ ދެކޮޅަށް ހިންގާ ޕްރޮޖެކްޓަކަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ.

ނަމަވެސް ޣިޔާސުއްދީނުން ބެލެވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕެރޭޑުގައި ކަމަށާއި އެ ވަގުތުން ފެށިގެން އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާ ހިނގީ ދެ ސެޝަން ބަދަލުވި ވަގުތުގައި ކަމަށާއި ސްކޫލުގެ ގަވާއިދުތަކާއި، ބުލީކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް އަބަދުވެސް ދަރިވަރުންނަށް އަހުލުވެރިކުރުވާ ކަމަށް ސުކޫލުން ބުންޏެވެ.

އަދި އެ ވީޑިއޯ ނަގާފައި އެވަނީ، ޓެބްލެޓް ފަދަ ޑިވައިސްއެއް ސްކޫލަށް ގެންދިޔަ ދުވަހެއްގައި ކަމަށް ސުކޫލުން ބުންޏެވެ.

ސިޓީގައި އިތުރަށް ބުނީ، ކްލާސްތައް ހިމެނޭ ފްލޯތައް މިހާރުވެސް ބަލަހައްޓަމުންދާ ނަމަވެސް އެންމެން ހަރަކާތްތެރިވަމުންދާ ވަގުތެއްގައި އެފަދަ ކަމެއް ހިނގުމުގެ ފުރުސަތެއް އޮވެދާނެ ކަމަށެވެ. އެގޮތުން އެ ސުކޫލަކީ ކިޔެވުމަށް ރައްކާތެރި މާހައުލެއްކަން ދަރިވަރުންނަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ދަރިވަރުން މޮނީޓާކުރުން ކުރިއަށް ވުރެ ހަރުދަނާކުރަމުންދާ ކަމަށް ބުންޏެވެ.

“ދަރިވަރުން މޮނީޓާކުރުން ކުރިއަށް ވުރެ ހަރުދަނާކޮށް ޣިޔާސުއްދީނަކީ ކިޔެވުމަށް ރައްކާތެރި މާހައުލެއްކަން ދަރިވަރުންނަށް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެން،” ސިޓީގައި ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©