Sun, 29 March, 2020, 1:11 pm
ލޭ އަޅަމުން ވެސް ހިތްވަރު ދެއްކި ފޮޓޯގުރާފަރު، އަދޫ ނިޔާވެއްޖެ

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމްގެ ފޮޓޯގްރާފަރު، އަދުހަމް މުހައްމަދު (އަދޫ) ނިޔާވެއްޖެ އެވެ.

ތެލަސީމިއާ ކުއްޖަކަށް ވީތީ ކޮންމެ މަހަކު ދެ ފަހަރު ލޭ އަޅަމުން، ޑެސްފަރޯލް ޖަހަމުން، ކޮންމެ ދުވަހަކު ކާން ޖެހޭ ބޭސްތައް ކަމުން ވެސް ހިތްވަރު ދެއްކި އުމުރުން 24 އަހަރުގެ އަދޫ ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ވަނީ ކޮށްފަ އެވެ.

އަދޫ އަކީ ޝަލަބީގެ އިތުރުން ބަރިސްތާ މޯލްޑިވްސް އަދި ހައުސް އޮފް މިއުޒިކްގެ އޮފިޝަލް ފޮޓޯގްރާފަރެވެ.

ލައިފްސްޓައިލް މަޖަައްލާއެއް ކަމަށްވާ “ދޯ” އަށް މިދިޔަ ޖޫން މަހު ދިން އިންޓަވިއުއެއްގައި އަދޫ ވަނީ އޭނާގެ ދިރިއުޅުން ހިއްސާ ކޮށްފަ އެވެ.

އެގޮތުން ދެ އަހަރުން ފެށިގެން އަދޫގެ ގަޔަށް ލޭ އަޅަމުން ދިޔައިރު 2006 ވަނަ އަހަރާ ހަމައަށް، އުފަން ރަށް ހއ. އުލިގަމުން ލޭ ނޭޅޭތީ އޭނާގެ އާއިލާ އުޅުނީ ވަރަށް ހާލުގަ އެވެ.

އެގޮތުން އޭރު ކޮންމެ ދެ ހަފްތާއަކުން ލޭ އަޅަން ވީމަ ދާންޖެހުނީ ކުޅުދުއްފުއްޓަށް ނޫނީ ދިއްދު އަށް ނޫނީ ހޯރަފުއްޓަށެވެ. ނަމަވެސް ފަހުން ރަށުގައި ލޭ އެޅޭނެ އިންތިޒާމު ހަމަޖެހުނަސް ބައެއް ކަންކަމުގައި އުނދަގޫތައް ހުރުމުން ސްކޫލް ނިންމާފައި އަދޫ ދެން އައީ މާލެއަށެވެ.

އަދޫގެ އިންޓަވިއުއެއްގައި އޭނާ ބުނީ، ފޮޓޯ ގުރާފަރަކަށް ވުމުގެ ކުރިން އެއާޕޯޓުގައި ވަޒީފާ އަދާކުރަން ދެކެމުންދިޔަ ހުވަފެނުގައި ކުލަ ޖައްސަން ބޭނުންވެގެން އެކަމަށް ކުރިމަތިލި ކަމަށެވެ. ނަމަވެސް ލޭ އަޅަމުން އެ ވަޒީފާ އަދާ ނުކުރެވޭނެ ކަމަށް ބުނުމުން ވަޒީފާއަކަށް އޭނާ ކުރިމައްޗެއް ނުލަ އެވެ.

އޭގެ ފަހުން އޮންލައިންކޮށް ފޮޓޯގްރަފީ ކިޔަވައިދޭ ކޯހެއްގައި އޭނާ ބައިވެރިވެ ޑިޕްލޮމާ އޭނާ ހާސިލް ކުރިއެވެ.

އަދޫ ބުނި ގޮތުގައި، ފޮޓޯގްރަފީ ކެރިއަރާއި ހިތްހަމަޖެހޭ ވަޒީފާއަކާ އެކު އޭނާ ދިރިއުޅެމުން ދިޔައީ ވަރަށް އުފާވެރި ދުވަސް ތަކެކެވެ. އެހެންވެ، ތެލަސީމިއާ ބަލި ރަނގަޅު ކުރެވޭ ހަމައެކަނި ފަރުވާ ކަމަށްވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު ފުރުސަތެއް ހޯދާކަށް އަދޫ މަސައްކަތެއް ނުކުރެ އެވެ.

Leave a comment

Your email address will not be published.