މުޙައްމަދު އީމާން
14 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ވެއްޖެ އެވެ.

ކަރެކްޝަންސް ސާވިސަސް އިން ބުނީ، އަދީބު މިހާރު ހުންނެވީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. އަދި އޭނާ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނުގެންދަވާ ކަމަށް ބުނެފައިވެ އެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމް ހިމެނޭ ގޮތުން އަދީބު މައްޗަށް 33 އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ނަމަވެސް މި ސަރުކާރު އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް އިއްވި ހުރިހާ ހުކުމެއް ވަނީ ބާތިލު ކޮށްފަ އެވެ.

އެގޮތުން ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމާއި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ރިޔާސީ ލޯންޗުކޮޅު، “ފިނިފެންމާ”ގައި އެއްޗެއް ގޮވި މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ވަނީ ބާތިލް ކޮށްފަ އެވެ.

އަދީބު މިނިވަން ވެފައި މިވަނީ، ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާއަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމުން ވީއްލިގެން ނެވެ. އެގޮތުން އެ ހުކުމް ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އެވެ.

ނަމަވެސް ކަރެކްޝަންސް އިން ދިން ހުއްދައަކާއެކު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާ ވަޑައިގަތުމަށް ހުކުމް ތަންފީޒު ކުރުން އޮތީ މެދުކެނޑިފަ އެވެ. އަދި މިމަހުގެ ހަ ވަނަ ދުވަހު އެނބުރި މާލެ ވަޑައިގެން އެ ހުކުމުގެ ބާކީ ބައި ވަނީ ތަންފީޒުކޮށް ނިންމައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©