މުޙައްމަދު އިބްރާހިމް
14 July 2019
މަޤްބޫލު ޙަބަރު

މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ހުޅުވާލި ހުރިހާ ޖާގައަކަށް ކުދިން ނަގާފައިވާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިފަހަރަކީ މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ހުރިހާ ސްލޮޓްތަކަކަށް ކުދިން ހޮވުނު ފުރަތަމަ ފަހަރުކަމަށެވެ.

މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގެ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަން ވިދާޅުވީ، ލޯނަށް އެދުމަށް ހުޅުވާލި ފުރަތަމަ ފުރުސަތާ ޚިލާފަށް މިފަހަރު ލޯނަށް އެދި ހުށަހެޅި އެޕްލިކޭޝަންތަށް ފުރިހަމަކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފުރަތަމަ ފަހަރު ފުރުސަތު ހުޅުވާލިއިރު ގިނަ ދަރިވަރުންގެ އެޕްލިކޭޝަންގައި ހުރި މައްސަލަތަށް ފާހަގަކޮށް މި ފަހަރުގެ ފުރުސަތު ހުޅުވާލިއިރު ޢާންމުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“ފުރަތަމަ ފުރުސަތުގައި 163 ޖާގަ ސްލޮޓް ދީފައިވާއިރު 79 ސްލޮޓް އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާފައިވާއިރު، 84 ސްލޮޓް ކިޔަވާ ދަރިވަރުންނަށް ދީފައިވާނެ. މިފަހަރު ކުރިންވެސް އިނގިލައްވާނެފަދައިން ވަރަށް ފުރިހަމަ އެޕްލިކޭޝަންތަކެއް ލިބިފައިވޭ. އެގޮތުން 960 އެޕްލިކޭޝަން ލިބިފައިވަނީ.” މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވިއެވެ.

ލޯނަށް ހޮވުނު ފަރާތްތަކުގެ މަޢުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ. އެގޮތުން ވެބްސައިޓުން ފޯމު ހުށަހެޅި ފަރާތްތައް ހޮވުނު ދާއިރާތަކާއި، ހޮވުނު ޢަދަދާއި، ނުހޮވުނު ފަރާތްތައް ނުހޮވުނު ސަބަބު ބަޔާންކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©