މުޙައްމަދު އަންވަރު
14 July 2019
މަޤްބޫލު ޙަބަރު

ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ބާސްކެޓް ކުޅުންތެރިޔާ އަހުމަދު ޒަބީރުއަށް ދީފި އެވެ.

އެމްއޯސީން ބުނީ، ދިދަ އުފުލާ އެތުލީޓު ހޮވީ އެމްއޯސީގެ ބޯޑުން ކަމަށެވެ.

އައިއޯއައިޖީގެ ރާއްޖޭގެ ދިދަ އުފުލުމަށް ޒަބީރު ހަމަޖައްސައި، އޭނާއާ ދިވެހި ގައުމީ ދިދަ ހަވާލްކޮށްދެއްވީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުގެ ޒަބީރަކީ، ދިވެހި ބާސްކެޓްގައި މިހާރު އެންމެ ތަޖުރިބާ ހުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ބާސްކެޓްބޯޅަ ލީގްގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޖެހިޖެހިގެން ހަ އަހަރު ހިމެނިފަ އެވެ.

ރާއްޖޭގައި ބޭއްވި ފަސް ވަނަ ސަބާ ޗެމްޕިއަންޝިޕްގައި، ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިނުމުގައި ޒަބީރު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި 2015 ވަނަ އަހަރު ދިވެހި ދިދަ އުފުލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. މިމަހު 18 އިން 28 އަށް މޮރިޝަސްގައި ބާއްވާ މިގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ދިހަ ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ކައިޓް ސާފިން އެވެ.

Leave a Reply

Your email address will not be published.

haftha.mv ©